އިތުރު 10 ދުވަހަށް ލަންކާގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

ލަންކާގައި ކޮވިޑް ވެކްސިން ދިނުން -- ފޮޓޯ/ އޭޕީ

ކޮވިޑް-19 އާ ގުޅިގެން ލަންކާއިން އެ ގައުމުގެ ލޮކްޑައުންގެ މުއްދަތު އިތުރު ދިހަ ދުވަހަށް އިތުރުކޮށްފިއެވެ.

އެ ގައުމުގައި ފަހުން ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާއެކު ހާލަތު ގޯސްވެ އެ ގައުމު ލޮކްޑައުންކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.

އެއާއެކު އެ ގައުމުގައި ތިބި ބޭރު މީހުންގެ ވިސާ އިތުރު 30 ދުވަހަށް އާކޮށްދިނުމަށް ނިންމާފައިވާކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެގައުމުގައި ކޮންމެ ދުވަހަކުވެސް 3000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް އަންނަނީ ޕޮޒިިޓިވްވަމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

އެއާއެކު އެގައުމުގެ ސިއްހީ މާހިރުން އަންނަނީ ކޮވިޑްގެ ބަލި މީހުންނާއެކު އެ ގައުމުގެ ހޮސްޕިޓަލްތައް ފުރި ބާރުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލަންކާ ލޮކްޑައުނަކަށް ގޮސްފައިވާއިރު، ލޮކްޑައުނަކަށް ދިޔުމުގެ ކުރިންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އެތައް ފިޔަވަޅެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ޖިމްތަކާއި، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް މީހުން އެއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއުވެސް އައީ ހިންގަމުންނެވެެ.

comment ކޮމެންޓް