ގިލާނީ އަވަހާރަވުމާ ގުޅިގެން ކަޝްމީރު ފުރަބަންދުކޮށްފި

ސައީދު އަލީ ޝާހު ގިލާނީ -- ފޮޓޯ: އޭޕީ

ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރުމާ ދެކޮޅަށް ވަކާލާތު ކުރެއްވި ސައީދު އަލީ ޝާހު ގިލާނީ އަވަހާރަވުމާ ގުޅިގެން ކަޝްމީރު ފުރަބަންދުކޮށްފިއެވެ.

އުމުރުން 91 އަހަރުގެ ގިލާނީ އަވަހާރަވީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އޭނާގެ ވަސިއްޔަތުގައި އޮތީ ކަޝްމީރުގެ ސްރީނަގަރުގައި އޮންނަ ޝަހީދުންގެ ގަބުރުސްތާނުގައި އޭނާ ފަސްދާނުލައި ދިނުމަށެވެ.

ނަމަވެސް ގިލާނީގެ ދަރިކަލުން ނަސީމް ވިދާޅުވީ، ގިލާނީގެ ހަށިކޮޅު ފަސްދާނުލާން އެ އާއިލާއިން އުޅެނިކޮށް އިންޑިއާގެ ފުލުހުން އެކަން ހުއްޓުވި ކަމަށެވެ. އަދި ހަށިކޮޅު އަތުލައި، އެހެން ގަބުރުސްތާނެއްގައި ފަސްދާނުލި ކަމަށް ވިދާޅުވެފައެވެ.

"ހަށިކޮޅު އަތުލާފަ ފަސްދާނުލީ. ޖަނާޒާގައި އާއިލާގެ އެއްވެސް މެމްބަރަކަށް ބައިވެރި ނުވެވޭ. އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން އަޅުގަނޑުގެމެންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، އަންހެނުންނާވެސް ތަޅާފޮޅުނު،" ނަސީމް ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާގެ ފުލުހުން ވަނީ ގިލާނީގެ ހަށިކޮޅު ގަދަ ބާރުން ނުގެންދާ ކަަމަށް ބުނެފައެވެ. އަދި އޭނާގެ ހަށިކޮޅު ގަބުރުސްތާނަށް ގެންދިޔުމުގައި އެހީތެރިވެ ދިނީ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ރިޕޯޓު ކުރި ގޮތުގައި، ގިލާނީ އަވަހާރަވުމުން ބޮޑު ޖަނާޒާއެއް ބޭއްވުން މަނާކޮށް، ކަޝްމީރު ފުރަބަންދު ކުރީ އެ ސަރަހައްދުގައި މުޒާހަރާތައް ބާއްވަފާނެތީއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި -- ފޮޓޯ: ޕާކިސްތާން ހައި ކޮމިޝަން

ކަޝްމީރު ފުރަބަންދު ކުރުމަށް ފަހު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ މަގުތަކާއި ބްރިޖުތައް ވަނީ ސްޓީލް ބެރިކޭޑާއި ރޭޒާ ވަޔަރުން ބަންދުކޮށްފައެވެ.

އޭގެ އިތުރުން ކަޝްމީރުގައި ފޯނުގެ ހިދުމަތާއި މޮބައިލް އިންޓަނެޓު ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.

އެ ފިޔަވަޅުތައް އެޅި ނަމަވެސް ސްރީނަގަރުގެ ތިން ސަރަހައްދެއްގައި މީހުން މުޒާހަރާކޮށް، ގިލާނީ އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅު ކުރިއެވެ. އަދި ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރުމާ ދެކޮޅަށް އަޑު އުފުލިއެވެ.

އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނާއި ސިފައިން ކަރުނަ ގޭސް ޖެހިއެވެ. ނަމަވެސް އެ ހާދިސާތަކުގައި މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައި ނުވެއެވެ.

ކަޝްމީރުގެ ވެރިކަމާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިމުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ހަރާކާތުގައި ގިލާނީ އިސް ދައުރެއް އަދާ ކުރެއްވިއެވެ. އަދި ޖައްމޫ އެންޑް ކަޝްމީރަކީ ޕާކިސްތާނުގެ ބަޔަކަށް ހެދުމަށް އޭނާ ތާއިދު ކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގައި މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކާއި މުޒާހަރާތައް އިންތިޒާމު ކުރި އޯލް ޕާޓީސް ހުއްރިއްޔަތު ކޮންފަރެންސްގައި ގިލާނީ އިސްކޮށް ހުންނެވިއެވެ. ނަމަވެސް އެ އެލަޔަންސުގެ ލީޑަރުންތަކެއް އިންޑިއާ ސަރުކާރާ އެކު މަޝްވަރާތައް ބާއްވަން ނިންމުމުން، އެ އެލަޔަންސް ބައިބައިވެ، 2003ގައި ގިލާނީ ވަކި ފެކްޝަނެއް އުފެއްދެވިއެވެ.

ގިލާނީ ދެކިލެއްވި ގޮތުގައި އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ކުރިން، ކަޝްމީރު އިންޑިއާގެ ބާރުގެ ދަށުގައި އޮތުމާ ބެހޭ ގޮތުން މީހުންގެ ހިޔާލު ހޯދުމަށް އެ ސަރަހައްދުގައި ވޯޓެއް ނަގަން ޖެހެއެވެ.

ގިލާނީ އަވަހާރަވުމާ ގުޅިގެން އިއްޔެ ޕާކިސްތާނުގައި ހިތާމަފާޅުކޮށް، ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައިވެއެވެ. އަދި އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ގިލާނީގެ ހަށިކޮޅާ މެދު އިންޑިއާގެ އޮފިޝަލުން އަމަލު ކުރި ގޮތް ކުށްވެރިކޮށްފައެވެ.

"ކަޝްމީރުގެ ލީޑަރު [ގިލާނީ]ގެ ހަށިކޮޅު ގަދަކަމުން ގެންދިޔުމުގެ ނާތަހުޒީބު އަމަލު ޕާކިސްތާނުން ކުށްވެރި ކުރަން،" ޕާކިސްތާން ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ގިލާނީ ދެކެ އިންޑިއާ ބިރު ގަންނަ މިންވަރު އެފަދަ އަމަލުތަކުން އެނގިގެންދާ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް