ކުރިއަށް ދާނީ ރައްޔިތުން އެދޭ އަމާޒަށް، ފަހަތަކަށް ނުޖެހޭނަން: މުއިއްޒު

އޮގަސްޓް 30، 2021: މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް އެންމެ ބޮޑު ސިހުމެއް ގެނުވީ އެ ޕާޓީއަށް ވެރިކަންކުރާ ރަށް، މާލެ ސިޓީގެ މޭޔަރުގެ މަގާމު ގެއްލިގެން ދިޔުމާއެކުއެވެ.

އެ މަގާމަށް އިދިކޮޅުގެ ކެނޑިޑޭޓުގެ ގޮތުގައި ކުރިމަތިލެއްވި މުއިއްޒު ހޮވުމާއެކު އެންމެ ފުރަތަމަ ވެސް އަމާޒު ހިއްޕެވީ ރައްޔިތުންނަށް އެންމެ ބޭނުންވެފައި ހުރި ހިދުމަތްތައް ކައުންސިލުގެ ތެރެއިން ކުރުމަށްކަމަށް މުއިއްޒު ވިދާޅުވެއެވެ.

އެގޮތުން އަވަސް ދުވެއްޔެއްގައި މާލޭ ސިޓީގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުއްދައިދިނުމަކީ މުއިއްޒު ވިދާޅުވާ ގޮތުގައި މިވަގުތު އެންމެ ބޮޑަށް އިސްކަން ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި މުއިއްޒުވަނީ ތަފްސީލީ ގޮތެއްގައި މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާފައެވެ.

އޮގަސްޓް 30، 2021: މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ދެއްތޯ. ދެން މިބަލަނީ ވީހާ ވެސް ބޮޑަކަށް ޕަބްލިކަށް ބޭނުންތެރި މަސައްކަތްތަކެއް ކުރެވޭތޯ. ވަރަށް ލިމިޓެޑް ރިސޯސެއް ދެއްތޯ މި އޮންނަނީ، ރައްޔިތުންނަށް ވިހާ ވެސް ފަސޭހަވާނެ ގޮތަކަށް ކައުންސިލުގެ ރިސޯސަސް ބޭނުންކުރެވޭތޯ މި ބަލަނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުން އަވަސްކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލްކުރުމަކީ މިހާރު އެންމެ ބާރަށް ކުރަމުން އަންނަ މަސައްކަތްކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ދެވޭ ގޮތަށް ހުރިހާ ކަމެއް ބަދަލު މި ކުރަނީ، އެއިރުން ވަރަށް އަވަސްކޮށް ހިދުމަތް ދެވި، ޒަމާނީވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.

މިކަމަކީ ވަރަށް ގިނަ މަސައްކަތްތަކެއްގެ ތެރެއިން ހާސިލްކުރާނެ ކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން ކައުންސިލުގެ ހުރިހާ ޑޮކިއުމަންޓުތަކެއް ސްކޭންކޮށް ޑޭޓާ ބޭސް ހެދުމުގެ މަސައްކަތް ވެސް ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އުންމީދަކީ ނޮވެމްބަރު މަހުގެ ނިޔަލަށް ކައުންސިލް ޑިޖިޓަލައިޒް ކުރުންކަމަށް ވެސް ވިދާޅުވިއެވެ.

އޮގަސްޓް 30، 2021: މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެއީ އިދާރީ ކަންތައްތައް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރެވެން ހުރި ކަންތައް، އެ ކަމުގެ އިތުރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުން މި ދަނީ،" މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު އަވަސް ހައްލެއް ގެނައުމުގެ ގޮތުން މާލޭގައި ޕާކިން ގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓާއެކު އިތުރު މަސައްކަތްތައް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިދުމަތްކުރުމަށް ސަރުކާރުގެ ފަރާތުން ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭ ކަމަށެވެ.

"އެއްބާރުލުން ނުދޭ ވާހަކައާއި އެ ކަންކަން އެ އެކްސްޕެކްޓް ކުރަން އަޅުގަނޑުމެން އެ ހުރަސްތައް ގިރާކުރަމުން އަޅުގަނޑުމެން ކުރިޔަސް ގޮސް ރައްޔިތުން ބޭނުންވާ އަމާޒަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް