ޖަޕާންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ -- ފޮޓޯ: ގެޓީ

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ދެން ވެރިކަމަށް ވާދަ ނުކުރައްވާނެ ކަމަށާއި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ސުގާ ރައީސްކަން ކުރައްވާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ އިސް މެމްބަރަކު ވިދާޅުވީ، މިއަދު ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ސުގާ ވަނީ އޭނާ މިވަގުތު ބޭނުންފުޅު ވަނީ ކޮވިޑް-19އާ ގުޅުން ހުރި ފިޔަވަޅުތަކަށް އިސްކަން ދެއްވަން ކަމަށް ވިދާޅުވެފައެވެ.

"މިއަދު ބޭއްވި އެގްޒެކެޓިވް ބައްދަލުވުމެއްގައި ސުގާ ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އިސްކަން ދެއްވަން ބޭނުންފުޅުވާ ކަމަށާއި އަލުން ލީޑާޝިޕަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ،" އެލްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޓޮޝިހިރޯ ނިކައި ވިދާޅުވިއެވެ.

ޖަޕާންގެ ވެރިކަން ކުރާ އެލްޑީޕީއަށް ރައީސަކު ހޮވުމަށް މި މަހުގެ 29ގައި އިންތިހާބެއް ބާއްވާނެއެވެ. އަދި އެއީ ޕާލިމެންޓުގެ އަގުލަބިއްޔަތު އޮންނަ ޕާޓީ ކަމުން، ދެން ޕާޓީގެ ރައީސަކަށް ހޮވޭ ބޭފުޅަކު ބޮޑުވަޒީރުކަމަށް އައްޔަން ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޖަޕާނުގައި ކޮވިޑް ފެތުރި، މީގެ ކުރިން އެއްވެސް އިރެއްގައި ގައުމުގެ ހާލަތު ގޯސް ނުވާ މިންވަރަކަށް މިހާރު ވަނީ ގޯސްވެފައެވެ. އަދި އެގައުމުގައި މިހާރުވެސް ކުއްލި ހާލަތު އިއުލާންކޮށްފައި އޮތް އިރު، ވެކްސިން ޕްރޮގްރާމް ކުރިއަށްދާ ސްޕީޑު ލަސްވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް ފެތުރެމުން ދަނިކޮށް ޖަޕާނުގައި އޮލިމްޕިކް ގޭމްސް ބޭއްވުމުން ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.

އެއާއެކު ސުގާއަށް ތާއިދު އޮތް މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އެގައުމުގެ ނޫހަކުން ދާދި ފަހުން ހިޔާލު ހޯދުމަށް ނެގި ވޯޓަކުން ދެއްކި ގޮތުގައި ސުގާއަށް ތާއިދު ކުރަނީ މިހާރު އާބާދީގެ އެންމެ 34 ޕަސެންޓެވެ.

ޖަޕާންގެ ބޮޑުވަޒީރުކަމާ ސުގާ ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު 14ގައެވެ. އެއީ އެމަގާމުގައި ކުރިން ހުންނެވި ޝިންޒޯ އަބޭ އިސްތިއުފާ ދެއްވުމުންނެވެ.

އަބޭ އިސްތިއުފާ ދެއްވީ އޭނާގެ ހާލުކޮޅު ގޯސްވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް