ހަމަލާ ދިން މީހާ ލާންވީ ގޮޅިއަކަށް ނޫން، ގެންދަންވީ ފަރުވާއަށް: މަންދީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ) --

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި ބަޔަކު ހިންގި މާރާމާރީއެއްގައި ހަމަލާ ދިން މީހާ ގެންދަންވީ ޖަލަކަށް ނޫންކަމަށާއި ދޭންވީ ފަރުވާކަމަަށް އެ މާރާމާރީގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ) ބުނެފިއެވެ.

މިރޭ ކުރި ޓްވީޓެއްގައި މަންދީ ބުނީ އެ ހަމަލާ ދިން ފަރާތް ގެންގޮސް "ގޮޅިއަކަށްލާން" އޭނާ ނޭދޭކަމަށެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ބޭންދުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމްކުރާކަށް. އޭނާއަށް ފަރުވާ ބޭނުންވޭ، އެކަހަލަ ކުއްޖަކު ނެތް އާއިލާއެއް މަދުވާނެ،" މަންދީ ބުންޏެވެ.

މަންދީ ބުނީ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އަޅާ ވޭނަށްވުރެ އެ ހަމަލާ ދިން މީހާ ތަހައްމަލުކުރާ ވޭން މާ ބޮޑު ވާނެކަމަށެވެ.

"މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މި އަޅާ ވޭނަށްވުރެ ޖަޒީލް ގައިގައި މިރޭ އަޅާނެ ވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ،" މަންދީ ބުންޏެވެ.

މަންދީ ކުރި ޓުވީޓުގައި އެ ހަމަލާ ދިން މީހާއަށް ހަމްދަރުދީވެ ވާހަކަދައްކާފައިވާއިރު އެމްޑީޕީން ވަނީ އެ ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އަދި ހަމަލާ ދިން ފަރާތާމެދު ތަހުގީގު ހިންގާ ފިޔަވަޅު އެޅުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ އެ ޕާޓީގެ ތެރޭގައި ހަމަނުޖެހުމާއި މާރާމާރީއަށް އޮތީ ޒީރޯ ޓޮލަރެންސްކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް