ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި މާރާމާރީގެ އެއްވެސް އަމަލެއް ޓޮލަރޭޓް ނުކުރެވޭނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ދިން ހަމަލާ ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އޮފީހުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުގެ ފަރާތުން މަންދީއަށް ދިން އަނިޔާ ހަރުއަޑުން ކުށްވެރިކުރާކަމަަށެވެ. މީގެ އިތުރުން މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އެފަދަ އަމަލުތައް މި ޕާޓީން ޓޮލަރޭޓް ނުކުރާނެކަން ހާމަކުރާ ހިނދު މި މައްސަލައިގައި އަަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު މިއަދުގެ މާރާމާރީގައި ޕާޓީގެ ފިރިހެން މުވައްޒަފަކަށް އަނިޔާވެފައިވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މަންމާފުޅަށް ދިން ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި މީކާއިލް ވިދާޅުވީ މިއަދު ދިން ހަމަލާއަކީ ސިޔާސީ ބޭނުމެއްގައި ދީފައިވާ ހަމަލާއެއް ނޫންކަމަށެވެ. އަދި ބަޔަކު ރާވައިގެން ދިން ހަމަލާއެއް ވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އޭނާ ވަނީ މި ހަމަލާ ދީފައިވަނީ މަސްތުގެ ހާލަތުގައި ހުރި މީހަކު، ޕާޓީގެ އޮފީސް ތެރޭގައި ހިންގި ހަމަނުޖެހުމެއްގައިކަމަށް ވިދާޅުވެފައެވެ.
ފުލުހުން ބުނީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ.
މާރާމާރީ ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.