ކެނދިކުޅުދޫއަކީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ރަށެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރެއްވުން ---

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ފެންނަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ޤާބިލުކަންހުރި ރަށެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

އެގޮތުން، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އަދި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫއު ލަސްވަމުންދާތީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވައި ކުރިއަށްގެންގޮސް ދެއްވުމަށް ދެންނެވިއެވެ.

ހަމައެއާއެކު ހުޅަނގު މޫސުމުގައި ބަނދަރުގެ އެއްބައި ބޭނުންކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކެނދިކުޅުދޫއަކީ ގިނަ ކުޅިތަކެއް އެކުލެވިގެންވާ ރަށަކަށްވާތީ މިހާރު ރަށުގެ ބައެއް ކުޅިތައް ހިކުމުގެ ބިރުވެރިކަން އޮތްކަމުގައި ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯދަންޖެހިފައި އޮތް ކަމަށް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވަނީ ދަންނަވާފައެވެ.

އަދި ނަރުދަމާގެ މަޝްރޫއު މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލުންވަނީ ދަންނަވާފައެވެ. މީގެ އިތުރުން ރަށުގައި ސީ އެމްބިއުލާންސެއް ނެތުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އެމަނިކުފާނުގެ އަރިހުގައި ކައުންސިލަރުން ހިއްސާ ކުރެއްވެވިއެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ފަރާތުންވަނީ ރަށުގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްދިނުމަށާއި، ބޯހިޔާވަހިކަން އިތުރަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އިތުރު ހައުސިން ޔުނިޓް އަދި ގެވަޅުތަކުގައި ގެ އެޅުމަށް މަގުފަހިވާނެގޮތެއް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރައްވަވަމުން ކައުންސިލުންވަނީ ރަށުގެ ސްކޫލަށް އެކަށީގެންވާ ޖާގައިގެ ބަހެއް ނެތުމުގެ ސަބަބުން ސްކޫލަށް ދިމާވާ ދަތިތަކާއި، ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ މުހިންމު ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވެވި ކަންތައްތައް އެކަމާ ގުޅޭ އިދާރާއަކާ ވާހަކަފުޅު ދެއްކެވުމަށްފަހު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ހިންގަން އަދި ޕްލޭން ކުރެވިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމާއި، ސްލިޕްވޭ ހެދުމާއި، ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ސްކޫލް ހަތަރު ކްލާސްރޫމާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫއާއި، ޖޫނިއަރ ކޮލެޖް ގާއިމުކުރުމުގެ މަސައްކަތާއި، ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތާއި ވަށާފާރު ރޭނުމުގެ މަޝްރޫއު އަދި އައު އިންޖީނުގެ އެޅުމުގެ މަޝްރޫއު ހިމެނެއެވެ.

އަދި މިހާތަނަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސޯލާ ހައިބްރިޑް ސިސްޓަމް ގާއިމް ކުރުމާއި، ކެނދިކުޅުދޫ ސްކޫލްގެ ދެ ކްލާސްރޫމާއި ހޯލްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.

comment ކޮމެންޓް