ފީފާގެ ކަލަންޑަރު މުރާޖާ ކުރަން ސާފުގެ ގައުމުތަކުން ތާއީދު ކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ މެޗު ކަލަންޑަރާ އެކު ފުޓުބޯޅައަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކެއް މުރާޖާ ކުރުމަށް ރާއްޖެ ހިމެނޭ ގޮތަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ހަތަރު ގައުމަކުން ތާއީދުކޮށްފިއެވެ.

ސާފުގެ ހަތަރު ގައުމު ކަމަށްވާ ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ ރައީސުންގެ ސޮއެއާ އެކު މިއަދު ވަނީ ދުނިޔޭގެ ފުޓުބޯޅަ ހުރިހާ ބައްރަކަށާއި، ގައުމުތަކުގެ މެދުގައި ހަމަ ހަމަ އުސޫލަކުން ކުޅެން ޖެހޭ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ފީފާގެ އިންޓަނޭޝަނަލް މެޗު ޝެޑިއުލް މިހާރު އޮތް ގޮތް ބަދަލު ކުރަން ތާއީދު ކުރާކަމަށް ބުނެ ހަތަރު ގައުމުން ވެސް އެއްބަސްވާ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމު ބަހުސްތަކުގައި އޭޝިއާގެ ބައިވެރިވުން އިތުރުވާނެ ގޮތްތަކަށް މަގުފަހިކޮށްދީފައި އޮތުމަށް ތާއީދުކުރާ ކަމަށާއި މިވަގުތު އެކަމަށް އޮތީ ހަނި ފުރުސަތުތަކެއްކަން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

ހަމައެހެންމެ ފީފާގެ މެމްބަރު ގައުމުތަކުގެ ގޮތުގައި އޮތް 162 ގައުމާ އެކުގައި ރާއްޖެ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުން ވެސް ބައިވެރިވެ، އެދެނީ ފީފާ ކަލަންޑަރު މިހާރަށް ވުރެ ފުރިހަމަކޮށް މުރާޖާ ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

ފީފާގެ މެމްބަރު ގައުމުތަކުގެ މެދުގައި މިދިޔަ މެއި މަހު ބޭއްވި ފީފާގެ ކޮންގްރެސްގައި އެއްބަސްވެވުނު މިކަންކަމަށް ތާއިދުކުރާ ކަން ސާފުގެ ގައުމުތަކުން ހާމަކުރިއިރު، މި ބަޔާނުގައި ސާފުގައި ބާކީ އޮތް ގައުމުތަކުން ބައިވެރިނުވި ސަބަބެއް ސާފެއް ނުވެއެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިހާރު ކުޅޭ ފީފާ ވޯލްޑްކަޕްގެ ފޯމެޓަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ހަތަރު އަހަރުން އެއް އަހަރު އެ މުބާރާތް ބޭއްވުމުން ގައުމުތަކަށް ލިބޭ ފުރުސަތު ކުޑަކަން ވަނީ ފާހަގަކޮށްފައެވެ. އަދި ވޯލްޑް ކަޕްގެ ފޯމެޓްތަކަށް ގޮތް ނިންމުމުމަށް 1930 ވަނަ އަހަރު ބަހުސްކޮށް މަޝްވަރާ ކުރިއިރު، އޭޝިއާގެ މާ ބޮޑު ބައިވެރިވުމެއް ނެތެވެ. އެހެންކަމުން މި ޒަމާނަށް ފެއްތުމުގެ ގޮތުން ކަލަންޑަަރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް