އެމްބާއްޕޭ ރެއާލަށް ކުޅޭނެކަމުގެ ޔަގީންކަން އެބައޮތް: ބެންޒެމާ

ފްރާންސްގެ ދެ ފޯވާޑް، ކިލިއަން އެމްބާއްޕޭ (ވ) އާއި ކަރީމް ބެންޒެމާ (ކ) -- ފޮޓޯ//ލައިވްސްކޯ

ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާއްޕޭއަށް މިފަހަރުގެ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ދިއުމުގެ ފުރުސަތު ނެތަސް, ކައިރި މުސްތަގުބަލެއްގައި އެ ހުވަފެން ހަގީގަތަކަށް ވާނެކަމާ މެދު ޔަގީންކަން އެބައޮތް ކަމަށް ރެއާލްގް ފޯވާޑް ކަރީމް ބެންޒެމާ ބުނެފިއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާއްޕޭ ގަންނަން މިދިޔަ ހަފްތާއެއްހާ ދުވަހު ރެއާލުން ވަނީ ތިން ބިޑެއް ކޮށްފަ އެވެ. އެ ތިން ހުށަހެޅުމަށް ވެސް ޕީއެސްޖީން ޖަވާބެއް ނުދެއެވެ.

ރެއާލްއިން ފުރަތަމަ ހުށައަޅާފައި ވަނީ 170 މިލިއަން ޔޫރޯއަށް އެމްބާޕޭ ގަތުމަށެވެ. ޕީއެސްޖީގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ 180 މިލިއަން ޔޫރޯގެ ދެވަނަ ބިޑެއް ހުށައަޅާފައެވެ. އެއަށްފަހު ޓްރާންސްފާ މާކެޓުގެ ފަހު ދުވަހު ޕީއެސްޖީއިން ވަނީ ބޯނަހާ އެކު 267 މިލިއަން ޑޮލަރު (226 މިލިއަން ޔޫރޯ)ގެ ބިޑެއް ހުށައަޅައިފައެވެ.

އެހެން ނަމަވެސް މިހާރުގެ އެއްބަސްވުން ހަމަވުމުން އެމްބާއްޕޭ ހިލޭ ޓްރާންސްފާއެއްގައި ރެއާލްއަށް ބަދަލުވުމުގެ ބިރު ޕީއެސްޖީއަށް އެބައޮތެވެ. އަދި އެމްބާއްޕޭ ޕީއެސްޖީއަށް ކައިރި މުސްތަގުބަލެއްގައި ދާނެކަމުގެ ޔަގީންކަން އޮތް ކަމަށް އޭނަގެ ފްރެންޗް ޓީމުގެ މޭޓް ބެންޒެމާ ވެސް މިފަހުން ވަނީ ބުނެފައެވެ.

"އަހަރަމެން ދެކުޅުންތެރިން [އެމްބާއްޕޭ އާއި ބެންޒެމާ] އަކީ ކުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ވަރަށް ގުޅޭ، ފަރިތަ ދެކުޅުންތެރިން. ރެއާލްގައި އޭނާ ކުޅުމަކީ އެކުލަބު ވެސް ބޭނުން ގޮތް. މިއަދު ނޫނަސް، ކައިރި މުސްތަގުބަލެއްގައި އެ މަންޒަރު ފެންނާނެ،" ބެންޒެމާ ބުންޏެވެ.

ރެއާލްގެ ފޯވާޑް ލައިންގައި މިވަގުތު ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ، ބެންޒެމާ ދިގު މެދުކެނޑުމަކަށްފަހު އެނބުރި ގައުމީ ޓީމާ ގުޅިފައިވާ އިރު އޭނާ ވަނީ މިއަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރެއާލުން ވަނީ ދެ އަހަރެއްހާ ދުވަސް ތެރޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދެއް ކޮށްގެން ރޭ ކުޅުންތެރިއަކު ގަނެފަ އެވެ. އެއީ 30 މިލިއަން ޑޮލަރު ދީފައި ރެއާލުން ގަތް ރެެނެސްގެ މިޑްފީލްޑަރު އެޑޮއާޑް ކަމަވިންގާއެވެ. ރެއާލުން ދެން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައީ ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކުން އޮސްޓްރިއާގެ ފުލްބެކް ޖޯޑީ އަލްބާއެވެ.

comment ކޮމެންޓް