މަހުލޫފަށް ކުރިމަތި ނުލެވޭނެ ކަމަށް ނިންމީ އެމްޑީޕީ އަސާސީ ގަވައިދާ ހިލާފަށް: އީސީ

1 ޑިސެންބަރ 2018 ގައި އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މަހުލޫފް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބުގައި ވާދަނުކުރެވޭ މައްސަލަ މަހުލޫފްގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އާ ގުޅިގެން އީސީން މިއަދު ވަނީ ގޮތެއް ނިންމާފައެވެ.

އެގޮތުން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަގާމެއް ނުވަތަ މަގާމުތަކުގެ އިންތިހާބަކަށް ކުރިމަތިވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނު އަސާސީއާއި ގާނޫނާއި ގަވާއިދާއި ރާއްޖޭއިން ޢަމަލުކުރުމަށް ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފުނުވާ ގޮތުގެމަތިން، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ މެމްބަރުންގެ ނަޒާހަތްތެރިކަމާއި ޕާޓީގެ އާންމު މަސްލަހަތު ރައްކާތެރިކޮށްދިނުމަށް މަގުފަހިކޮށްދޭ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ޝަރުތެއް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވާ މެންބަރަކަށް ކުރިމަތިކުރެވޭނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް، އަސާސީ ގަވައިދުގައި އެ އުސޫލުތައް ބަޔާންކޮށްގެން ކަމަށް އީސީން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުކަމަށް ވާދަކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ހަމައެކަނި ޝަރުތަކީ އެމްޑީޕީގެ މެންބަރަަކަށްވުން ކަން ފާހަގަކޮށް އީސީން ބުނީ އެމްޑީޕީ އަސާސީ ގަވައިދުގައި މަހުލޫފަށް ފިޔަވަޅު އެޅި ޝަރުތު ބަޔާންކޮށްފައިނުވާ ކަމަށެވެ.

މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ކަނޑައެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްސަލައެއް ބަލާކަން އެ ޕާޓީއަށް އަންގާފައިވާތީވެއެވެ.

ނަމަވެސް މަހުލޫފު ވިދާޅުވާ ގޮތުގައި އެފަދަ ސަބަބަކާ ހެދި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް، އެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައެއް ނުވެއެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަހުލޫފު ވިދާޅުވެއެވެ.

އޭގެ ފަހުން މަހްލޫފް އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ، އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުވުމުން އެއްވެސް ޖަވާބެއް ލިބިފައި ނުވާތީއެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

comment ކޮމެންޓް