ކުޅިވަރު ތަރައްގީކުރަން އިންޑިއާއިން ރާއްޖެއަށް 40 މިލިއަން ޑޮލަރު ދެނީ

40 މިލިއަން ޑޮލަރުގެ އެލްއޯސީގައި ސޮއިކުރެއްވުން--ފޮޓޯ:އިންޑިއަން ހައިކޮމިޝަން

ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން އެކްސިމް ބޭންކާއެކު 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި ލައިން އޮފް ކްރެޑިޓް އެއްބަސްވުމަކީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް ފެބްރުއަރީ މަހުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ގައި ހުށަހެޅުއްވި ލޯނަކާ ގުޅިގެން ހެދި އެއްބަސްވުމެކެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނީ މި ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ހަމައެކަނި ދިވެހިން ބޭނުންވާ ފުޓްބޯޅަ، އެތްލެޓިކްސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ ޓޭބަލް ޓެނިސް، އަދި އެހެނިހެން އިންޑޯގޭމްސް ކުޅެވޭ ސްޓޭޑިއަމް އާއި ދަނޑުތައް އަދި އެކުވެނި ބިނާކުރުމަށް ކަމަށް ކަމަށެވެ. އަދި ފަންޑުގެ މަގްސަދަކީ އިންޑިއަން އޯޝަންސް ގޭމްސްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކުރުން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ދޭ ހާއްސަ އަހަންމިއްޔަތު އިންޑިއާއިން ބަލައިގަނެ، އެކަމުގައި ބައިވެރިވާނެ ކަން ކޮމިޝަނުން ބުންޏެވެ.

ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭގައި ރާއްޖެގައި އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމެއް އަޅާނެ ކަމުގެ ޔަގީންކަން ދިނެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާއާ ގުޅިގެން ދިވެހި ކޯޗުން އަދި އަމްޕަޔަރުން ތަމްރީނު ކުރާނެ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ޓީމުން، ޗެންނައީގައި ހުންނަ ޕްރިމިއާ ސެންޓާ ފޯ ސްޕޯޓްސް ސައިންސްގައި އެއް މަސް ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި ބައިވެރި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޒިންމާދާރު މުއައްސަސާތައް ފާހަގަ ކުރެވޭ ފްރޭމްވޯކެއް ހެދުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކުރައްވާފައެވެ.

ކުޅިވަރު ތަރައްގީކުރުމަށް އިންޑިއާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ވެދެމުންދާއިރު، އެގައުމުން ދިން 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން 61 ރަށުގައި އައުޓް ޑޯ ޖިމްތައް ތަރައްގީކޮށް އެކުވެނި ޓްރެކް ވެސް ވަނީ ތަރައްގީކޮށް، ޖެނުއަރީ މަހުގައި ހުޅުވާފައެވެ.

comment ކޮމެންޓް