އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ރަސްމީ އިދާރާއަކުން ނުލިބޭ: ފުލުހުން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރު ގައުމެއްގައި ހައްޔަރު ކުރުމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކުން ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރު ކުރި ކަމަށް ހަބަރު ފެތުރުނު ފަހުންނެވެ. އަދި އެކަން ޔަގީންކޮށް، އޭނާ ހައްޔަރު ކުރި ސަބަބު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "ސަން"އަށް ވިދާޅުވި ފަހުންނެވެ.

"އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ އެއްވެސް މައުލޫމާތެއް ބޭރުގެ ރަސްމީ އެއްވެސް އިދާރާއަކުން ފުލުހުންނަށް ލިބިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސިވިލާތުން އަލީ ވަހީދު ހިފެހެއްޓީ ވިސާގެ މުއްދަތު ހަމަވުމުންނެވެ. އަދި އޭނާގެ ވިސާ އެކްސްޓެންޑު ކުރަން އެދިފައިވާ ކަމަށާއި އޭނާ އިނގިރޭސިވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމަންދެން ކަމަށް އަލީ ވަހީދުގެ ގާނޫނީ ވަކީލުން ވިދާޅުވިއެެވެ.

އަލީގެ ވަކީލުން "ސަން"އަށް ވިދާޅުވީ އޭނާ މައިބަދައިގެ އޮޕަރޭޝަން ކުރުމާއި ނުކުރުމާމެދު ގޮތް ނިންމާނީ މިމަހުގެ 26ގައި ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްހަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.

comment ކޮމެންޓް