އެމެރިކާއަށް އަފްޣާނިސްތާނުން ފެނުނީ އަމިއްލަ ގޮތްތައް ފަތުރަން އުޅުުމުގެ ހިތި ނަތީޖާ: ޕޫޓިން

ޕޫޓިން

މޮސްކޯ (ސެޕްޓެމްބަރު 2) : އެމެރިކާ މަސައްކަތްކުރީ އަސްކަރީ ބާރު ބޭނުންކޮށްގެން އަފްޣާނިސްތާނަށް އަރައި އެމެރިކާގެ އަމިއްލަ ސިޔާސީ ފިކުރާއި ވިސްނުންތައް އަފްޣާނިސްތާނުގައި ގަދަބާރުން ފަތުރައި ތަންފީޒު ކުރަން ކަމަށާ އޭގެ ނަތީޖާ ވަރަށް ހިތި ގޮތަކަށް އެމެރިކާއަށް ފެނިގެން ހިނގައްޖެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުން އެމެރިކާ ފޭބުމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ ވިހި އަހަރު ތެރޭގައި އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން އެމެރިކާއަށް އަފްޣާނިސްތާނުގައި ހާސިލްކުރެވުނު ކަމެއް ފެންނަން ނެތްކަމުގައެވެ. އަދި އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން އަފްޣާނިސްތާނުގައި އެމެރިކާ ބިނާކުރި ސިފައިންގެ ލަޝްކަރު ރޫޅި އެމެރިކާގެ ސިޔާސީ ފިކުރުގެ މައްޗަށް އަފްޣާނިސްތާނުގައި ބިނާކުރި ވެރިކަމުގެ ނިޒާމުވެސް އެންމެފަހުން ރޫޅިގެން ދިޔައީ ހީނުކުރާފަދަ ގޮތަކަށް ކަމަށް ޕޫޓިން ވިދާޅުވިއެވެ.

އެމެރިކާ ވިހި އަހަރުވަންދެން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގެ ސަބަބުން އަފްޣާން އެތައް ލައްކަ ބަޔަކު މަރުވެ އެއަށްވުރެ ގިނަމީހުން ޒަޚަމްވެ އަފްޣާނިސްތާން މުޅިން ވީރާނާވެ އަފްޣާން ރައްޔިތުންނަށް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަންވެސް ޕޫޓިން ފާހަގަ ކުރެއްވިއެވެ.

މިގޮތުން ގަދަބާރުން އަފްޣާނިސްތާނަށް އެރުމަށްފަހު އެމެރިކާ މަސައްކަތްކޮށްފައިވަނީ އެގައުމު ބިނާކުރުމަށް އެހީތެރިވެދިނުމުގެ ބަދަލުގައި ގަދަބާރު ދައްކައި އެމެރިކާގެ ގޮތް ފަތުރަންކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން މިމޭރުމުން އެމެރިކާއަށް ބަހުގެ ހަމަލާތައް ދެއްވާފައިވާއިރު ރަޝިއާގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުންވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބި ފޭބުމަކީ މަޖްބޫރުވެގެން ނިކަމެތި ގޮތަކަށް އަފްޣާނިސްތާނުން ފިލުން ކަމަށް ސިފަކޮށްފައެވެ.

ރަޝިއާ ވަނީ އަފްޣާނިސްތާނުގެ ހުރިހާ ނަސްލުތަކާއި ދީންތަކެއްގެ މީހުންގެ ބައިވެރިވުން އޮންނަ ގޮތަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ތާލިބާނުންނަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް ތާލިބާނުން އުފައްދާ ސަރުކާރެއް ބަލައިގަތުމާމެދު ރަޝިއާއިން ނިންމާނެ ގޮތެއް އެގައުމުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް