ޓްރީ ޓޮޕް ހޮސްޕިޓަލުން އޭދަފުށީގައި ހެލްތު ކޭމްޕެއް ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިވެންޓެއްގެ ތެރެއިން -- ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބ. އޭދަފުށީގައި ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ތަފާތު ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ އެ ހެލްތު ކޭމްޕު ބާއްވާން ހަމަޖެހިފައި ވަނި އަންނަ ހަފްތާގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުއެވެ.

އެ ހެލްތް ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ހާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ.

އެ ކޭމްޕުގައި ބަލި މީހުންނަށް ހެލްތް ސްކްރީނިން ހަދައި ދިނުމުގެ އިތުރުން އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ހަމަޖައްސައިދޭނެއެވެ.

އެ ކޭމްޕުން ވީހާވެސް ގިނަ މީހުންނަށް ހެލްތް ސްކްރީނިން ހެދުމުގެ ފުރުސަތު ދިނުމަށްޓަކައި، އެ ހިދުމަތް ފޯރިކޮށްދޭނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރިއެވެ.

ހެލްތު ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތް އޯޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.

ޓްރީޓޮޕުން ބުކިން ހެއްދެމަށާއި އިތުރު މައުލޫމާތު ހޯދުމަށް 6600294އަށާއި 6608309އަށް ގުޅޭނެއެވެ.

comment ކޮމެންޓް