ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށް "ސަން"އިން ރަނުގެ ފުރުސަތެއް

ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫސް ކަމުގައިވާ ސަން މީޑިއާގެ ސަން އޮންލައިން އިން ނޫސްވެރިކަމުގެ ދާއިރާ އިން އަނެއްކާވެސް އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފިއެވެ.

މިއީ މި އަހަރުގެ ތެރޭގައި ސަން އޮންލައިނުން ނޫސްވެރިކަމުގެ ދާއިރާއަށް އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ.

ސަން މީޑިއާގެ ސީއޯއޯ ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ މިފަދަ އިންޓާންޝިޕެއް ތައާރަފުކުރީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޑރ. އަޝްރަފް ވިދާޅުވީ މީގެކުރިން ހުޅުވާލި އިންޓާންޝިޕް ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ހޮވާލެވުނު ކުދިންނަށް ސަން އޮންލައިންގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

"މަދުރަސީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަޅުގަނޑުމެން އަނެއްކާވެސް މި ފަހިކޮށްދެނީ. މިއީ އަޅުގަނޑުމެންގެ ޒުވާން، ތަޖުރިބާކާރު ޓީމާއެކު ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ލިބޭ ރަނުގެ ފުރުސަތެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މިފަހަރުގެ އިންޓާންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ވެސް ސަން އޮންލައިންގައި ނޫސްވެރިކަމުގެ ދާއިރާ އިން ދާއިމީ ގޮތެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ އެހީތެރިކަމާއެކު ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް އޮޅުންފިލުވައިދެވޭނެއެވެ.

އެޕްލައި ކުރަންވީ ގޮތް
ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކުން ސަންގެ އިންޓާންޝިޕްގައި ބައިވެރިވުމަށް އެދޭނަމަ "ސަން"ގެ ޖޮބް އެޕްލިކޭޝަން ޕޯޓަލްއިން "ޖާނަލިސްޓް (އިންޓާން)"ގެ މަގާމު ސިލެކްޓް ކުރެއްވުމަށް ފަހު ފޯމު ފުރުއްވާލާށެވެ.

އިންޓާންޝިޕަށް ހޮވޭ ބައިވެރިންނަށް އިންޓާންޝިޕްގެ މުއްދަތުގައި ސަން މީޑިއާ ގްރޫޕުން ހާއްސަ އެލަވަންސެއް ހަމަޖައްސައިދެވޭނެއެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ތަފާތު އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަން މީޑިއާ ގްރޫޕުން މަސައްކަތް ކޮށްދޭނެއެވެ.

comment ކޮމެންޓް