މަހުލޫފުގެ މައްސަލައިގައި އީސީއަށް ނިންމޭނެ ގޮތެއް ނެތް: ފުއާދު

ޖެނުއަރި 26، 2021: އީސީގެ މެމްބަރު ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ މެމްބަރު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އިލެކްޝަން ކޮމިޝަން (އީސީ) އަަށް ވަކި ގޮތެއް ނިންމޭކަށް ނެތްކަމަށް އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ވިދާޅުވެއްްޖެއެވެ.

މަހުލޫފް އީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ފުއާދު "ސަން"އަށް ވިދާޅުވީ މި މައްސަލައިގައި އެ ކޮމިޝަނަށް ވަކި ގޮތެއް ނިންމުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެކަން މަހުލޫފަށް ވެސް އަންގާފައިވާކަމަށެވެ.

"މިވަގުތު ކަނޑައެޅިގެން މި މައްސަލައިގަ އިލެކްޝަންސް ކޮމިޝަނުން މުޅިން ރަނގަޅެކޭ ވެސް މުޅިން ނުރަނގަޅެކޭ ވެސް ބުނުމުގެ އިހްތިސޯސެއް ނެތް ކަމުގައި އަޅުގަނޑުމެން ދަންނަވާފަ ވާނީ،" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އެ ޕާޓީގެ ތެރޭގައި އޮންނަ ގޮތުގެ މަތިން ކުރިޔަށް ވަޑައިގަތުމަށްވެސް އަންގާފައިވާނެކަމަށެވެ.

މީގެ އިތުރުން އެގޮތަށް އެކަން ނުވާ ނަމަ އެކަމުގައި ކުރިއަށް ވަޑައިގެންނެވެން ހުރި ގޮތަކަށް އެ ކަނޑައެޅިފައި އޮންނަ ގޮތުގެ މަތީން ކުރިއަށް ވަޑަައިގަތުމަށް ވެސް އަންގާފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މަހުލޫފް ހުށަހެޅި މައްސަލައިގައި އެމްޑީޕީއަށް ވެސް އިރުޝާދު ދީފައިވާނެކަމަަށެވެ.

"އެމްޑީޕީއަށް ދިން ޖަވާބަކީ އެތެރޭގެ އިންތިހާބުތަކުގައި ވެސް ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން އަސާސީ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކަމަށް ރިޢާޔަތް ކުރާ ގާނޫނު ތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިހާބުތައް ބޭއްވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމޭ. އެގޮތަށް އޮންނާނީ،" ފުއާދު ވިދާޅުވިއެވެ.

މަހްލޫފް މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުއްވުމުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ.

ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.

comment ކޮމެންޓް