ފުލުހުންގެ ތަރައްގީއަށް އެންމެ ބޮޑަށް އިސްކަން ދިނީ މި ސަރުކާރުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން -- ފޮޓޯ: ހޯމް މިނިސްޓްރީ

ފުލުހުންގެ ތަރައްގީއަަށް އެންމެ ބޮޑަށް އިސްކަން ދިނީ މި ސަރުކާރުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ވޭތުވެދިޔަ 86 އަހަރުގެ ތެރޭ ނުކުރާ މަސައްކަތް މި ސަރުކާރުން ފުލުހުންގެ ތަރައްގީއަށް ކޮށްފައިވާކަމަށެވެ.

"ފުލުހުންގެ އާ ގާނޫނެއް ވުޖޫދުކުރެވިއްޖެ. އޭގެ ދަށުން ގާނޫނުތައް ހެދިއްޖެ. އަތޮޅު ތެރޭގައި ފުލުހުން އިންތިޒާމު ވާ ގޮތް އިތުރަށް ތަރުތީބުކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީން ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާ, ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ފުލުހުންގެ ރޭންކުތަކަށް ކުރިއަށްވުރެ ބޮޑަށް ބަދަލުތައް ގެނެވިފައިވާކަމަށެވެ. އަދި މަސައްކަތްކުރުމުގައި ޗެއިން އޮފް ކޮމާންޑު މިހާރު އިތުރަށް ހަރުދަނާކުރެވިފައިވާކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފުލުހުން ރައްޔިތުންނަށާއި ދައުލަތަށް ޖަވާބުދާރީ ކުރެވޭނެ ރަނގަޅު ނިޒާމަކާއި އޮނިގަނޑެއް ގާއިމު ކުރަންޖެހޭކަމަަށެވެ.

"އަޅުގަނޑު މިއަދު ހުރިހާ ލޮބުވެތި ފުލުހުންގެ ކިބައިން އެދެން ބޭނުންވާ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ގެންނަ ބަދަލުތައް ވަރަށް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ އޮފިސަރުންނަށް ތިޔަބޭފުޅުން ވެވަޑައިގަތުން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެ ކުރިއަށް ގެންދާ އެއް މަސައްކަތަކީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެގޮތުން މިހާރު ވެސް 52 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް