މެސީގެ ތާރީހީ 10 ނަންބަރު ބާސާއިން ފާޓީއަށް ދީފި

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީއާއި އެކުލަބުގެ ޒުވާން ފޯވާޑް އަންސޫ ފާޓީ --- ފޮޓޯ/ލައިވްސްކޯ

ސްޕެއިނުގެ ބާސެލޯނާގެ ރަމްޒުދާރު، ލިއޮނެލް މެސީ އެކުލަބު ދޫކޮށްލުމާ އެކު ހުސްވެފައިވާ 10 ނަންބަރު ޖޯޒީ އެކުލަބުގެ ޒުވާން ފޯވާޑް އަންސޫ ފާޓީއަށް ދީފިއެވެ.

ބާސެލޯނާގައި 21 އަހަރު ހޭދަކުރުމަށްފަހު މެސީ މިދިޔަ އޮގަސްޓް މަހު އެކުލަބު ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއެކު މެސީއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ބާސެލޯނާއިން އޭނާގެ ނަންބަރު ރިޓަރާ ކުރުމަށް ބުނެފައެވެ. މެސީ ބާސެލޯނާއަށް ކޮށްދިން ހިދުމަތުގެ ފުރިހަމަ އަގަކަށް އެކަން ވާނެކަމަށް އޭނާގެ ސަޕޯޓަރުން ދެކުނު ނަމަވެސް ބާސެލޯނާއިން މެސީ ދިޔަތާ މަހެއް ނުވަނީސް އެ ނަންބަރު މިވަނީ ދޫކޮށްލައިފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރެއްގެ މަތިން ހޯދާފައިވާ މެސީއަށް 10 ނަންބަރު ލިބުނީ 2008 ވަނަ އަހަރު އެ ކުލަބުގައި އޭރު ކުޅުނު ބްރެޒިލްގެ ރޮނާލްޑީނިއޯ އެކުލަބު ދޫކޮށްލުމާ ގުޅިގެންނެވެ. ރޮމާރިއޯ އަދި ރިވާލްޑޯ ފަދަ ކުޅުންތެރިން ކުރިން ބޭނުން ކުރި 10 ނަންބަރުގައި މެސީ ވަނީ މިދިޔަ ސީޒަނުގެ ނިޔަލަށް ބާސެލޯނާގައިކުޅެފައެވެ.

ބާސެލޯނާއިން މިއަދު އެ ކުލަބުގެ ވެބްސައިޓުގައި 10 ނަންބަރު ޖޯޒީ ވަނީ ލަ މާސިއާގެ ދަރިވަރު އަންސޫ ފާޓީއަށް ދިންކަން އިއުލާން ކޮށްފައެވެ. ބާސެލޯނާގެ ޒުވާން ޓީމުތަކުގައި ހަތް ވަރަކަށް އަހަރު ކުޅުމަށްފަހު މީގެ ދެ އަހަރު ކުރިން ސީނިއާ ޓީމުން ޖާގަ ހޯދި ފާޓީ ވަނީ ކުޑަ ދުވަސްކޮޅެއްްގެ ތެރޭގައި ކުލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދައިފައެވެ.

އެގޮތުން އޭނާ ވަނީ އުމުރުން 16 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމަށް ފުރަތަމަ ގޯލު ޖަހައިދީ އެކުލަބުގެ ތާރީހުގައި ވެސް އެންމެ ޒުވާން ގޯލް ސްކޯރާގެ ރެކޯޑް ހަދައިފައެވެ. އަދި އެހެންމެ ޗެމްޕިއަންސް ލީގުގައި ވެސް އެ އަހަރު ގޯލު ޖަހައި އެ މުބާރާތުގައި ވެސް ރެކޯޑް ހެދިއެވެ.

އެއަށްފަހު ބާސެލޯނާއަށް 42 މެޗު ކުޅެދީ 12 ގޯލު ޖަހާފައިވާ ފާޓީއަށް މިދިޔަ އަހަރު ފަހުކޮޅު ވަނީ ސީރިއަސް އަނިޔާއެއް ލިބި ގިނަ ދުވަސްތަކެއް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އެ އަނިޔާގައި ގާތް ގަނޑަކަށް އަހަރެއްވީ އިރު، ފާޓީ މިވަގުތު އަންނަނީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

comment ކޮމެންޓް