ތާލިބާންގެ އަތް ދަށަށް އަފްޣާނިސްތާން ދިޔުމަކީ ހުޅަނގަށް ލިބުނު އިއާދަ ނުކުރެވޭނެ ގެއްލުމެއް: ބޮރެލް

ޖޮސެޕް ބޮރެލް

ބްރަސަލްސް (ސެޕްޓެމްބަރު 1) : ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ދިޔުމަކީ ހުޅަނގަށް (އެމެރިކާއަށާއި ޔޫރަޕަށް) ލިބިގެން ދިޔަ އިއާދަނުކުރެވޭނެ ސްޓްރެޓީޖިކް ގެއްލުމެއް ނުވަތަ "ލަނޑެއް" ކަމަށް ޔޫރަޕްގެ އިއްތިހާދުން ބުނެފިއެވެ.

ޔޫރަޕްގެ އިއްތިހާދުގެ ސަލާމަތާ އަދި ޚާރިޖީ ކަންތައްތަކާބެހޭ ހައިކޮމިޝަނަރު ޖޯސެފް ބޮރެލް ވިދާޅުވީ 20 އަހަރުވަންދެން އަފްޣާނިސްތާނުގައި ތިބުމަށްފަހު އެމެރިކާ އާއި ނޭޓޯ އަފްޣާނިސްތާނުން ފައިބަން ޖެހުނީ ވަރަށް ހިތްދަތި ނިކަމެތި ގޮތަކަށް ކަމުގައެވެ. އަދި ހުޅަނގުގެ މަދަދު ލިބޭ އަފްޣާން ސަރުކާރާއި އަފްޣާން ސިފައިން ކުއްލި ގޮތަކަށް ރޫޅުމާއެކު ތާލިބާނުންގެ އަތްދަށަށް މުޅި އަފްޣާނިސްތާން ދިޔުމަކީ އަދި އެއަށްވުރެ ބޮޑު ދެރައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮރެލް ވިދާޅުވީ އަފްޣާނިސްތާނުން ފޭބުމަށް އެމެރިކާ ނިންމީ ޔޫރަޕްގެ ގައުމުތަކާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށްކަމަށާ ނަމަވެސް އެމެރިކާއަށް އެހީވާން އަފްޣާނިސްތާނަށް ދިޔަ ނޭޓޯގެ ގައުމުތަކަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް ކަމުގައެވެ. އަފްޣާނިސްތާނަށް އެރުމުގައި ޔޫރަޕާ މަޝްވަރާކޮށްފައި، ފައިބަންވީމާ ޔޫރަޕްގެ ގައުމުތަކާ އެއްވެސް ވަރަކަށް މަޝްވަރާނުކުރުމަކީ އެމެރިކާ އާ މުއާމަލާތް ކުރުމުގައި މުސްތަގްބަލްގައި ޔޫރަޕް ވިސްނަންޖެހޭ ކަމެއްކަމަށް ބޮރެލް ވިދާޅުވިއެވެ.

ބޮރެލްގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގެ މަސްއޫލުވެރިންވެސް ވަނީ އަފްޣާނިސްތާނުން ވަރަށް ނިކަމެތިގޮތަކަށް އެމެރިކާއާއި ނޭޓޯގެ ފައުޖުތައް ފައިބަންޖެހުމާއި ތާލިބާނުން ކުއްލި ގޮތަކަށް އަފްޣާނިސްތާން ގެ ކޮންޓްރޯލް ހޯދި މައްސަލާގައި ނުސީދާގޮތެއްގައި އެމެރިކާއަށް ފާޑުވިދާޅުވެފައެވެ. އަފްޣާނިސްތާނުގައި އެމެރިކާއާއި ނޭޓޯއަށް ކުރިމަތިވި މައްސަލައަކީ އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ހުޅަނގު ބަލިވުންކަމަށް މުހައްލިލުން ވިދާޅުވިނަމަވެސް މިއީ ބަލިވުމެއްކަމަށް ސިފަކުރަން އެމެރިކާ ވަނީ ފަސްޖެހިފައެވެ.

ނަމަވެސް އަފްޣާނިސްތާނުގައި 20 އަހަރުވަންދެން އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ކުރި މަސައްކަތް ވަނީ ފެނަށް ގޮސްފައިކަމަށާ އަފްޣާނިސްތާނުގައި އެމެރިކާ އާއި ޔޫރަޕް އަސްކަރީގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ބަލިވި ބަލިވުމުގެ ނަތީޖާ ބައިނަލްއަގްވާމީ މަސްރަހުގައި ވަރަށް ހިތި ގޮތަކަށް އެމެރިކާއަށާއި ޔޫރަޕަށް ފެނިގެންދާނެ ކަމަށް ގިނަ މުހައްލިލުން ސިފަކުރައްވައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ އަފްޣާނިސްތާނުން ފޭބުމަށް ނިންމި ނިންމުގެ ޒިންމާ އުފުއްލަވާކަމަށް ވިދާޅުވެފައެވެ. މި ނިންމުން ނިންމަން ޖެހުނީ އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު އަފްޣާނިސްތާނުގައި ބޭތިއްބުމަކީ ޚަރަދު ބޮޑު ކަމަކަށް ވުމުގެ އިތުރުން އެއީ މިހާރު އެމެރިކާގެ މަސްލަހަތަށް ފައިދާ ނުވާ ކަމެއް ކަމަށް ވާތީ ކަމަށް ބައިޑެންވަނީ ވިދާޅުވެފައެވެ. އަފްޣާން ހަނގުރާމައަށް ދުވާލަކަށް 300 މިލިޔަން ޑޮލަރު ޚަރަދުކުރަން އެމެރިކާއަށް ޖެހެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަން ޖެހިފައިވަނީ ތާލިބާނުންގެ މައްޗަށް ކާމިޔާބު ހޯދުމުގައި އެމެރިކާ ނާކާމިޔާބު ވުމުގެ ސަބަބުން ކަމަށްވާތީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަފްޣާނިސްތާނާ އަދި އެހެން ބައެއް ގައުމުތަކުގައި އެމެރިކާ ކުރަމުންގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ޚަރަދުތަކާމެދު އެމެރިކާގެ އެތެރެއިން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދާފައެވެ.

އެމެރިކާގެ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ޚަރަދުކުރަން ހުންނަ ޓެކްސް ފައިސާއިން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަފްޣާނިސްތާނާ އަދި އެހެން ބައެއް ގައުމުތަކުގައި އެމެރިކާގެ ސަރުކާރުތަކުން ދެ ޓްރިލިޔަން ޑޮލަރު ފާއިތުވި 20 އަހަރު ތެރޭ ޚަރަދުކޮށްފައިވެއެވެ.

މިފައިސާ ގޮސްފައިވަނީ އެމެރިކާގެ ހަތިޔާރު ކުންފުނިތަކަށާއި އެކުންފުނިތަކާ ގުޅިފައިވާ މަހުޖަނުންނާއި ކޮންޓްރަކްޓަރުންގެ ޖީބުތަކަށް ކަމާއި އޭގެ ފައިދާ ނުސީދާ ގޮތެއްގައި އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ ޖީބުތަކަށްވެސް ގޮސްފައިވާކަމަށް ތަހްލީލީ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް