މާފަރު ސުކޫލްގެ ޕްރިންސިޕަލް ކުއްލި ގޮތަކަށް ގެއްލިއްޖެ، ޓީޗަރުން ވާނުވާގައި

މާފަރު ސުކޫލްގެ ކުރީގެ ޕްރިންސިޕަލް ނާހިދާ އިބްރާހިމް ފުޅު -- ފޮޓޯ/ މާފަރު ސުކޫލް

ނ. މާފަރު ސުކޫލްގެ ޕްރިންސިޕަލް ނާހިދާ އިބްރާހިމްފުޅު ކުއްލި ގޮތަކަށް އެ ރަށުން ފުރާ ވަޑައިގަތުމުން ޓީޗަރުންނަށާއި ބެލެނިވެރިންނަށް ކުއްލި ހައިރާންކަމެއް ލިބިއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ސުކޫލްގެ ޓީޗަރަކު ވިދާޅުވީ ނާހިދާ އެ ރަށުން ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފުރާ ވަޑައިގަތީ ޓީޗަރުންނަށް ވެސް އެންގުމެއް ނެތި ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާފަރު ސުކޫލްގެ ހިންގުން މިހާރު ވަނީ ޕްރިންސިޕަލަކު ހަމަޖެހެންދެން އެ ސުކޫލްގެ ލީޑިންޓީޗަރު އަބްދުއްސައްތާރު އަލީއާ ހަވާލު ކޮށްފައެވެ. އަދި މިހާރު ނާހިދާ ވަނީ ދ.ހުޅުދެލީ ސުކޫލާ ހަވާލުވެވަޑައިގެންފައެވެ.

"ކުއްލިއަކަށް ފުރައިގެން ގޮސްފަ ޓީޗަރުންނަށް ވެސް އެންގީ. ދެން ގުޅާފަ ބުނީ ސައްތާރު ސަރއަށޭ މިހާރު ސުކޫލް ހިންގުން ހަވާލުވެފައި ހުންނާނީ. އެއީއޭ ޕްރިންސިޕަލަކީ. އޭގެ އިރުކޮޅެއް ފަހުން ސައްތާރު ސަރއަށް ގުޅާފަ މިނިސްޓްރީން އެކަން އެންގީ،" ނަން ނުޖެހުމަށް ޝަރުތުކޮށް މާފަރު ސުކޫލްގެ ޓީޗަރަކު ކިޔައިދެއްވިއެވެ.

ނ. މާފަރު ސްކޫލް -- ފޮޓޯ: މާފަރު ސްކޫލް

އޭނާ އިތުރަށް ވިދާޅުވީ ސުކޫލްގެ ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ނާހިދާ ފުރާ ވަޑައިގަތްކަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ރަށުތެރޭގައި މިހާރު އެ ވާހަކަ ތަފާތު ގޮތްގޮތަށް ދެކެވެމުން އަންނަ ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި އޭނާވަނީ އިއްޔެގެ ވަގުތެއްގައި ބެލެނިވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް އޭނާ ފުރާ ވަޑައިގަންނަވާކަން އަންގަވައިފައި ނުވާ ކަމުގައި މާފަރުން ވާހަކަދެއްކި ބެލެނިވެރިޔަކު ކިޔައިދިނެވެ.

ނާހިދާ އެ ސުކޫލްގެ ހިންގުމާ ހަވާލުވެވަޑައިގެންނެވީ މި ފެށުނު ދިރާސީ އައު އަހަރުގައެވެ. މިދިޔަ އަހަރު މާފަރު ސުކޫލާ ހަވާލުވެ ހުންނެވީ އިންޑިއާ ޕްރިންސިޕަލެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު މާފަރު ސުކޫލަށް ފޮނުވި މެސެޖެއްގައި ވަނީ މާފަރު ސުކޫލް ހިންގުން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް އަންފާގައެވެ. އަދި ސުކޫލް ހިންގުމަށް ބޭނުންވާ އެހީތެރިކަން ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައި ނޮދަން ސެންޓްރަލް އެޑިއުކޭޝަން ޔުނިޓުގެ ފަރާތުން ލިބޭނެ ކަމަށް ވެސް އެ މެސެޖުގައިވެއެވެ.

މިކަމާ ގުޅިގެން ތަކުރާރުކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން ވެސް އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް