އަފްޣާނިސްތާނުން އެމެރިކާ ފޭބީ ޚަރަދު ބޮޑުވެފައި ފައިދާ ނުވާތީ: ބައިޑެން

ބައިޑެން

ވޮޝިންޓަން (ސެޕްޓެމްބަރު 1) : އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު އަފްޣާނިސްތާނުގައި ބޭއްތިއްބުމުން ޚަރަދުބޮޑުވެ، އެމެރިކާގެ މަސްލަހަތަށް ފައިދާ ނުވާ ކަމަށާ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ޒިންމާ އުފުއްލަވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ކަންތައް ނިމުނުފަހުން ދެއްވި ފުރަތަމަ ބަޔާނުގައި ބައިޑެން ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި ޑިޕްލޮމެޓުންނާ އަދި އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން އަފްޣާނިސްތާނުން ބޭރުކުރުމަށް ހިންގި ވައިގެ އޮޕަރޭޝަނަކީ ކުރުމުއްދަތެއްގެ ތެރޭގައި އެމެރިކާ ހިންގި ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށާ އެއޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވުނީތީ އުފާ ކުރައްވާކަމުގައެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ސުންގަޑި އަކީ ރޭ ކަމަށް ބަލައިގެން ކުރިޔަށް ގެންދިޔަ އެއޮޕަރޭޝަންގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި ޑިޕްލޮމެޓުންނާ އަދި އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން ހިމެނޭގޮތަށް ޖުމްލަ 120 ހާސް މީހުން ދެހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުން ބޭރުކުރެވިފައިވާކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

އަފްޣާނިސްތާނުން އެމެރިކާ ފޭބުމަށް ނިންމި ނިންމުމަކީ އުނދަނގޫ ނިންމުމެއް

އަފްޣާނިސްތާނުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމަށް ނިންމި ނިންމުމަކީ އުނދަނގޫ ނިންމުމެއްކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް އެމެރިކާ ސިފައިންގެ އެތަށް ހާސްބަޔަކު ބޮޑު ޚަރަދެއްކޮށްގެން އަފްޣާނިސްތާނުގައި ބޭއްތިއްބުމަކީ އެމެރިކާއަށް އެއްވެސް ރޮނގަކުން އެއްވެސް ވަރަކަށް މިހާރު ފައިދާވާ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާތީ 20 އަހަރަށްފަހު އަފްޣާނިސްތާން ދޫކޮށް އެގައުމުން އެމެރިކާ އެއްކޮށް ބޭފުމުގެ އުނދަގޫ ނިންމުން ނިންމެވީ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އަފްޣާން ހަނގުރާމައިން ފިލާވަޅު ލިބިގަންނަން ޖެހޭ

20 އަހަރަށްފަހު އަފްޣާނިސްތާނުން އެމެރިކާ ފައިބަންޖެހުނު ގޮތުގެ ފިލާވަޅު އެމެރިކާ ލިބިގަންނަން ޖެހޭކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް 20 އަހަރުގެ ދިގުލީ ހަނގުރާމައިގާ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ބަލިވިކަމަށް ބައިޑެން އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.

ތާރީޚަށް ބަލާއިރު އެމެރިކާއަކީ ހަނގުރާމައާއި ތަޅާފޮޅުމުގެ ގައުމެއް

ތާރީޚަށް ބަލާއިރު އެމެރިކާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަބަދުވެސް ހަނގުރާމައާއި ތަޅާފޮޅުމުގެ ސިޔާސަތެއް ގެންގުޅެމުންދާ ގައުމެވެ. އިނގިރޭސީންގެ އަތްދަށުން 1776 ވަނަ އަހަރު މިނިވަންކަން ލިބި މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދިގެންދިޔަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ 245 އަހަރުވީ ހަޔާތުގެ 93 އިންސައްތަ އަކީ އެކި ހަނގުރާމަތަކުގައި އެމެރިކާ ޝާމިލްވެފައިވާ މުއްދަތެވެ. ހަނގުރާމައާ ދުރުގައި އެމެރިކާ އޮތީ އެމެރިކާގެ 240 އަހަރުވީ ހަޔާތަށް ބަލާއިރު އެންމެ 7 އިންސައްތަ މުއްދަތުގައެވެ.

ހަނގުރާމައަކީ އެމެރިކާގެ އަސްކަރީ ސިނާއަތާއި އެމެރިކާގެ އިގްތިސާދު ގެ އެންމެ މުހިއްމު ބައި

ހަނގުރާމައަކީ އެމެރިކާގެ އަސްކަރީ ސިނާއަތު ކުރިއެރުމުގައާއި އެމެރިކާގެ އިގްތިސާދު ހަރަކާތް ކުރުވުމުގައި އެންމެ މުހިއްމު ކަންތައްކަން އެމެރިކާ ދެކެއެވެ. ނަމަވެސް މިކަން ހާމަނުކޮށް އެމެރިކާ އަބަދުވެސް ދައްކަމުން ގެންދަނީ ހަމަޖެހުމާއި ސުލްހައިގެ ވާހަކައެވެ. ހަނގުރާމައާ އިދިކޮޅު ވާހަކަތަކެވެ.

އެމެރިކާގެ 245 އަހަރުވީ ތާރީޚުގައި އެގައުމުން ހަނގުރާމަކޮށްފައިވާ ތަންތަނުގެ ތެރޭގައި ލެޓިން އެމެރިކާގެ ގައުމުތަކާއި އިރާގާއި ލުބްނާން ފަދަ މެދުއިރުމަތީގެ ގައުމުތަކާއި ކޮރެއާ އާއި ވިއެޓްނާމް ފިލިޕީންސްފަދަ އޭޝިއާގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެއެވެ.

ވިހި އަހަރުވީ އަފްޣާން ހަނގުރާމައަށް އެމެރިކާ އެއް ޓްރިލިޔަން ޑޮލަރުޚަރަދުކޮށްފައިވެއެވެ. މިއާއެކުވެސް އަފްޣާނިސްތާނުގައި އެމެރިކާ ބަލިވެ ވަރަށް ހިތްދަތި ގޮތަކަށް އެންމެފަހުން އެގައުމުން އެމެރިކާ ފައިބާފައިވާއިރު ވިއެޓްނާމް ހަނގުރާމައިގާވެސް އެމެރިކާވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ.

އަފްޣާން ހަނގުރާމައަށް ފަހުވެސް ކޮންމެވެސް ތަނެއްގައި ހަނގުރާމަ ކުރުމަށް އެމެރިކާ ރާވާނެ

ވިއެޓްނާމް ހަނގުރާމައިގާ އެމެރިކާގެ 70 ހާހަށްވުރެ ގިނަ ސިފައިން މަރުވެފައިވެއެވެ. އެތަށް ލައްކަ ބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ބަލިވުމަކާއެކު އެމެރިކާގެ ހަނގުރާމައިގެ ރޫހާއި ތަޅާފޮޅުމުގެ ޖޯޝާއި އޭގެ ސްޓްރެޓެޖީ އަށް ބަދަލެއް ނާންނަކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން އަފްޣާން ހަނގުރާމަ އަށްފަހުވެސް ކޮންމެވެސް ތަނެއްގައި ހަނގުރާމައެއް ކުރުމަށް އެމެރިކާ ރާވާނެކަމަށާ މިގޮތަށް އެމެރިކާ ރާވަނީ ހަނގުރާމައާއި ތަޅާފޮޅުމަކީ އެމެރިކާގެ އަސްކަރީ ސިނާއަތު ކުރިއެރުމުގައާއި އެމެރިކާގެ އިގްތިސާދު ހަރަކާތް ކުރުމުގައި އެންމެ މުހިއްމު ކަންތައްކަމަށް އެމެރިކާގެ ޑީޕް ސްޓޭޓްގެ ތެރޭގައި ހިމެނޭ ހަތިޔާރުގެ ބާރުގަދަ ކުންފުނިތަކާއި އެކުންފުނިތަކާ ގުޅިފައިވާ އެމެރިކާގައި ނުފޫޒުގަދަ އެލީޓުންނާއި މަހުޖަނުން ދެކޭތީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް