ޖިއާންގެ މަރު: 17.4 މިލިއަން ރުފިޔާ ހޯދަން އެދުނު ނަމަވެސް ހުކުމް ކުރީ 4.5 މިލިއަން ދޭން

ސިމެންތި ބަސްތާ ބޮލަށް ވެއްޓި މަރުވި ރައުޝާން ޖިއާން ---

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި, ބަދަލެއްގެ ގޮތުން އާއިލާއަށް 4.5 މިލިއަން ރުފިޔާ ދޭން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށް ހުކުމް ކޮށްފިއެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން އާއި ބައްޕަ މުހައްމަދު ކަމާލުއްދީން ޖާވިދުގެ ފަރާތުން އެދުނީ 17.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ބަދަލެއްގެ ގޮތުގައި ނަގައިދެވޭނީ 4.5 މިލިއަން ރުފިޔާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާތީ، އެކަމުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަން އުފުލަންޖެހޭކަން ސާބިތުވާ ކަމަށެވެ.

ޖިއާންގެ މައިންބަފައިންގެ ފަރާތުން މި މައްސަލަައިގައި ވަކާލާތު ކުރި ޕަބްލިކް އިންޓަރަސްޓް ލޯ ސެންޓަރުން ބުނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދުގެ ތެރެއިން ބޮޑު ބައެއް ދޭން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫންކަމަށް އެ ޖަމިއްޔާއަށް ގަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް ހުކުމުގެ އެބައި ހައިކޯޓަށް އިސްތިއުނާފު ކުރާނީ ޖިއާންގެ މައިންބަފައިން ވަކި ގޮތެއް ނިންމުމުން ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.

ޖިއާން މަރުވި ހާދިސާ ހިނގީ 16 ޑިސެމްބަރު 2018އިގައެވެ.

comment ކޮމެންޓް