ކިންގް ސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީ

ކިންގް ސަލްމާން މިސްކިތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ކިންގް ސަލްމާން މިސްކިތް ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިއަދު "ސަން"އަށް ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖެއައި ސައުދީގެ ވަފްދު މިހާރު ފުރާފައިވާ ކަމަށެވެ. އަދި އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ވަފްދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރޯދައިގެ ކުރިން މިސްކިތް ހުޅުވޭތޯ މި ބަލަނީ. އަޅުގަނޑުމެން އުއްމީދު ކުރަނީ ރޯދައިގެ ކުރިން ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށް،" ޒާހިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުންވެސް މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.

އެގޮތުން އެންމެ ފަހުން ނިންމާފައިވަނީ މި މިސްކިތް މި އަހަރުގެ ރޯދަ މަހަށް ހުޅުވުމަށެވެ. ނަމަވެސް ރޯދަމަހަށް މިސްކިތް ނުހުޅުވުނީ އެތަނުގެ ވަސީލަތްތައް ގާއިމްނުކުރެވޭތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިންގް ސަލްމާން މިސްކިތް ބިނާކުރީ ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ އަރައްބިއްޔާގެ ފަރާތުން ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ހަ ފަންގިފިލާގެ އިމާރާތެކެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ އެއްފަހަރާ 6000 މީހުންނަށް ނަމާދަށް އެރޭގޮތަށެވެ. މި ބިނާގައި ކުތުބުޚާނާއަކާއި، ގުރްއާނާއި ބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކްލާސްރޫމްތަކާއި، ޖަލްސާކުރާ މާލަންތަށް ހިމެނެއެވެ.

comment ކޮމެންޓް