ހޭލެވުނީ މީހަކު ހަޅޭއްލަވާ އަޑަށް، ދެން އިވުނީ އެއްޗެއް ގޮވި އަޑު

ރޭ ހުޅުމާލޭ 127 ފްލެޓުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ

"ސޯފާގަައި ނިދިފަ އޮއްވާ މީހަކު ހަޅޭއްލަވާ އަޑަށް ހޭލެވުނީ. އޭރު ރޯވި ކޮޓަރީގައި އުަޅޭ އަންހެން މަންޖެ އެބަ ބުނޭ ރޯވެއްޖޭ ކޮޓަރީގައި. އެ ވަގުތު ކަރަންޓު ގޮސްފި މުޅި ގެއިން" މިއީ ރޭ ހުޅުމާލޭ 147 ނަންބަރު ފްލެޓުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އެގޭގައި އުޅޭ މީހަކު ސިފަކޮށްދިން ގޮތެވެ.

އެ ދަނޑިވަޅު އޭނާއަށް ވެސް މާ ގިނަ ވަގުތެއް ނުލިބުނެވެ. އެ ވަގުތު އޭނާގެ ސިކުނޑި ވެސް ހާސްކަމަކަށް ދިޔައެވެ. އެންމެ ފުރަތަމަ ވެސް އޭނާއަށް އެ ހިސާބުން ވިސްނާލެވުނީ ރޯވި ކޮޓަރީގެ ކުރިމަތީގައި ހުރި އޭނާގެ ކޮޓަރީގައި އޭނާގެ އަންހެނުންނާ ދަރިފުޅު ތިބިކަމެވެ.

އެހެންކަމުން އޭނާ ވަގުތުން އަވަސްވެގަތީ އޭނާގެ އަންހެނުންނާއި އަށް އަހަރުގެ ލޯބިވާ ދަރިފުޅު ސަލާމަތް ކުރެވޭތޯއެވެ. ވަގުތުން ކޮޓަރިއަށް ގޮސް އެއްވެސް މުދަލެއް ސަލާމަތް ކުރަން ނޫޅެ އޭނާ ބެލީ އަންހެނުންނާއި ދަރިފުޅު ގެއިން ބޭރަށް ނެރެވޭތޯއެވެ.

"އެެމީހުންނަށް ގޮވާފަ ބުނެފިން މިއޮތީ ރޯވެފައޭ އަވަހަށް ނުކުންނާށޭ. ދެން އަވަހަށް ހުޅު ހިފުމުގެ ކުރިން އެ މީހުން ނެރުނީ" ކަނު އަނދިރީގައި އަންހެނުންނާއި ދަރިފުޅު ސަލާމަތް ކުރަން އުޅުނު ގޮތް އޭނާ ކިޔައިދިނެވެ.

ރޭގެ ހާދިސާގައި އެޕާޓްމަންޓަކަށް ވީ ގެއްލުން -- ސަން ފޮޓޯ

ރޯވި ކޮޓަރީގައި ދިިރިއުޅުނު ދެމަފިރިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ ވީ ގޮތެއް ނޭނގޭ ކަމަށާއި ކުއްލިއަކަށް އިވުނީ އެއްޗެއް ގޮވި އަޑު ކަމަށެވެ.

"ނިދިފަ އޮއްވާ ކަރަންޓު ދިޔައީމަ ހޭލެވުނީ. އެވަގުތު އިވުނީ ކުއްލިއަކަށް ބާރުގަދަ އަޑެއް. ހުޅު ހިފުމުގެ ކުރިން ކިރިޔާ ސަލާމަތުން ނުކުމެވުނީ" ތަޖުރިބާތައް ހިއްސާކުރަމުން އޭނާ ކިޔައިދިނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރޭގެ ހާދިސާގައި ހުޅު ހިފީ އެ ކޮޓަރީގައި ހުންނަ އޭސީގެ ގޭސްފުޅި ގޮވުމުގެ ސަބަބުންނެވެ.

އެ ގޭގެ ތިން ކޮޓަރީގައި މީހުން ދިރިއުޅޭއިރު ރޯވި ކޮޓަރީގައި އުޅެނީ ދެމަފިރިއަކު އެކަންޏެވެ. އަދި އަނެއް ކޮޓަރީގައި ވެސް އާއިލާއެއް އުޅެއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި 127 ނަންބަރު ފްލެޓުގެ 3ވަނަ ބުރިއަށް ވެސް ވަނީ ގެއްލުންވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުންވެފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަކަށް ވީ ގެއްލުން -- ސަން ފޮޓޯ

މި ހާދިސާގައި އެގޭގެ ދެވަނަ ބުރީގެ ދެ އެޕާރޓްމަންޓަށާއި އެ ދެ އެޕާޓްމަންޓުގެ މަތިން ތިންވަނަ ބުރީގެ ދެ އެޕާޓްމަންޓަށް ވެސް ވަނީ ގެއްލުންވެފައެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ދެ އާއިލާއެއްގެ 13 މީހަކަށް ވަގުތީ ހިޔާ ހަމަޖައްސައިދީފައެވެ. މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުންތަކުގެ އެސަސްމަންޓު ހެދުމަށްފަހު އެ ގެއްލުންތަކަށް ބަލައި އާއިލާތަކަށް އެހީގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދެއެވެ.

comment ކޮމެންޓް