ތޫފާން "އައިޑާ" އެރުމާއެކު ލޫޒިއާނާ ހާލުގައި ޖެހިއްޖެ: ބައިޑެން

ތޫފާން "އައިޑާ" ލޫޒިއާނާ އަށް އަރަނީ

ވޮޝިންޓަން ( އޮގަސްޓް 30 ) : އެމެރިކާގެ އިރު ދެކުނުގެ ސްޓޭޓެއްކަމަށްވާ ލޫޒިއާނާއަށް އެރި ބާރުގަދަ ތޫފާން، "އައިޑާ" އިން ލިބުނު ގެއްލުމުގެ ސަބަބުން އެއީ ހާލުގައި ޖެހިފައިވާ ސްޓޭޓެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފިއެވެ.

ބައިޑެން މިގޮތަށް އިއުލާން ކުރެއްވުމާއެކު އެމެރިކާގެ މައި ސަރުކާރު ނުވަތަ ފެޑްރަލް ސަރުކާރުގެ މާލީ އަދި ފަންނީ އެހީވަނީ ލޫޒިއާނާއަށް ލިބެން ފަށާފައެވެ. އެމެރިކާގެ މައި ސަރުކާރުން ލޫޒިއާނާއަށް ދެމުން ގެންދާ އެހީތަކުގެ ތެރޭގައި ތޫފާންގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ލައްކަ ބަޔަކަށް ބޭނުންވާ ސާފު ބޯފެނާއި ކާބޯތަކެއްޗާ ކަރަންޓް އުފައްދަން ބޭނުންވާ ޖަނަރޭޓަރުތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުން ހިމެނެއެވެ. މީގެއިތުރުން އެ ސްޓޭޓް އަލުން އާރަސްތުކޮށް އާންމު ހާލަތަށް ގެނައުމަށް ބޭނުންވާ ފަންނީ އެހީވެސް ހިމެނެއެވެ.

ތޫފާން، "އައިޑާ" އެރުމުގެ ސަބަބުން ލޫޒިއާނާގެ އެތައް ސަރަހައްދެއްގައިވަނީ ފެންބޮޑުވެފައެވެ. އަދި ގަދަވަޔާއެކު ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައްވެސްވަނީ އެސްޓޭޓްގެ ގިނަ ސަރަހައްދުތަކުގައި ކެނޑިފައެވެ. ތޫފާންތަކާބެހޭ އެމެރިކާގެ މަރުކަޒު "ނޭޝަނަލް ހަރިކޭން ސެންޓަރު"ން ބުނާގޮތުން ތޫފާން، "އައިޑާ" ލޫޒިއާނާ އަށް އަރާފައިވަނީ ގަޑިއަކު 241 ކިލޯމީޓަރު ގެ ބާރުމިނުގައި އައި ވަޔާއެކުގައެވެ. މިކަމުގެ ސަބަބުން ލޫޒިއާނާގެ ޕޯޓް ފޯޗޮން އާއި އެނޫން ބައެއް ސަރަހައްދުތަކުގެ ގަސްތައް ވެއްޓި، ގެތައް ހަލާކުވެ، ވަރަށް ބޮޑަށް ވަނީ ސުންނާފަތި ވެފައެވެ.

މިއީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ސިޓީއެއް ކަމަށްވާ ނިއުއޯލީންސް އަށް އެރި "ކެޓްރީނާ" ތޫފާނަށްފަހު އެމެރިކާއަށް އެރި އެންމެ ބާރުގަދަ ތޫފާންކަމަށް ތޫފާންތަކާބެހޭ އެމެރިކާގެ މަރުކަޒު "ނޭޝަނަލް ހަރިކޭން ސެންޓަރު" ން ބުނެއެވެ. ނިއުއޯލީންސް މުޅިން ސުންނާފަތިކޮށްލި ކެޓްރީނާ ތޫފާންގައި ވައިހުރީ ގަޑިއަކު 280 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މި ދެ ތޫފާނަކީވެސް ގިންތި-4 ގެ ތޫފާންތަކެވެ. މި ދެ ތޫފާންވެސް ހިމެނެނީ އެމެރިކާގެ ތާރީޚުގައިވެސް އެ ގައުމަށް އެރި އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރޭގައެވެ.

ލޫޒިއާނާ އަށް އެރީ އެމެރިކާގެ ތާރީޚުގައި އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާންތަކުގެ 5 ވަނަ ތޫފާންއެވެ. ލޫޒިއާނާގެ ބައްރަށް ތޫފާން، "އައިޑާ" އެރުމަށްފަހު މިހާރު އެތޫފާނުގެ ވައިވަނީ މަޑުވާން ފަށާފައެވެ.

comment ކޮމެންޓް