ރޮނާލްޑޯއަށް މިފަހަރު އޭނަގެ ހާއްސަ ހަތް ނަންބަރު ލިބިދާނެތަ؟

ރޮނާލްޑޯ ކުރިން ޔުނައިޓެޑުގައި ކުޅުނު ދުވަސްވަރު ---

އިޓަލީގެ ޔުވެންޓަސް ދޫކޮށްލައި 12 އަހަރަށް ފަހު އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާ ކުރިން ކުޅުނު ހަތް ނަންބަރު ދީފާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ ކަމަށް ރޮނާލްޑޯ އެކުލަބަށް އެންގި ހިސާބުން ފެށިގެން ޔުނައިޓެޑުން 36 އަހަރުގެ ފޯވާޑަށް ފާރަލަމުން އައިސް މިދިޔަ ހަފުތާގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިވަގުތު ޕޯޗުގަލްގައި ހުރި ރޮނާލްޑޯ މިއަދުގެ ވަގުތެއްގައި ޔުނައިޓެޑުގެ މެޑިކަލް ފުރިހަމަ ކޮށްފައިވާ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް އޭނާ ކުލަބުގައި އިއުލާން ކުރާނެއެވެ.

ރޮނާލްޑޯ އަދި ޔުނައިޓެޑުގެ ސަޕޯޓަރުން އެ އިންތިޒާރުގައި ތިބި އިރު އުފެދިފައި އޮތް ބޮޑު ސުވާލަކީ ރޮނާލްޑޯއަށް މިފަހަރު ވެސް އޭނާގެ މަޝްހޫރު ހަތް ނަންބަރު ޖާޒީ ލިބޭނެތޯއެވެ. އެއާ އެކު މިވަގުތު ބޭނުން ކުރަމުންދާ ހަތް ނަންބަރު ޖާޒީގައި ރޮނާލްޑޯ ފެނުން ގާތްކަމަށް އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީ މެއިލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން ކުޅުނު ޔުވެންޓަސްއަށް ރޮނާލްޑޯ ދިއުމާ އެކު އެކުލަބުން ވެސް އޭނާއަށް ހަތް ނަންބަރު ޖާޒީ ދިން އިރު، ރެއާލް މެޑްރިޑްގައި ކުޅުނު ދުވަސްތަކުގެ ތެރެއިން ވެސް ބޮޑުބައި އޭނާ ހޭދަކުރީ ހަތް ނަންބަރު ޖާޒީގައެވެ. އޭގެ ކުރިން ޔުނައިޓެޑުގައި ތަފާތު ދައްކާ، ދުނިޔޭގެ ސަމާލުކަން ހޯދީ ވެސް ހަތް ނަންބަރު ޖާޒީގައެވެ.

އެހެން ނަމަވެސް މި ސީޒަނުގައި މިހާތަނަށް ހަތް ނަންބަރު ޖަހައިގެން ޔުނައިޓެޑުގައި ކުޅެފައި ވަނީ އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އެވެ. ކަވާނީ އަތުން ރޮނާލްޑޯއަށް ހަތް ނަންބަރު ދީފާނެ ކަމަށް އެންމެ ބޮޑަށް ޝައްކު ކުރެވެނީ ޕްރިމިއާ ލީގުގެ އޮފިޝަލް ވެބްސައިޓުގައި ވެސް ރޮނާލްޑޯއަށް މިވަގުތު ހަތް ނަންބަރު ޖާޒީ ދީފައި އިނުމުންނެވެ.

ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަންއިން 2002-2003 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި އިރު ރޮނާލްޑޯއަށް ދީފައިވަނީ 28 ނަންބަރު ޖާޒީ އެވެ. ރޮނާލްޑޯއަށް އޭނަގެ ހާއްސަ ހަތް ނަންބަރު ނުލިބިއްޖެ ނަމަ 28 ނަންބަރަށް ވެސް ކުޅުން އެކަށީގެންވެއެވެ.

comment ކޮމެންޓް