ޕީޖީ އޮފީހުގައި ކޮރަޕްޝަނެއް ނޯންނާނެ: ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުން އަމަލު ކުރައްވާނެ އުސޫލުތަކާއި ޕްރޮސެކިއުޓަރުންގެ ސުލޫކީ މައްސަލަތައް ފާހަގަ ކުރެވުން ފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ލިޔުމުން ބަޔާންކޮށްފައިވޭތޯ ހަސަން ލަތީފު އެއްސެވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ މަގާމާ ހަވާލުވުމުގެ ކުރިންވެސް ޕީޖީ އޮފީހުގައި އަމަލު ކުރާ އުސޫލުތަކާއި ޕްރޮސެކިއުޓަރުންގެ ސުލޫކީ މައްސަލަތައް ބަލާ ނިޒާމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ނިޒާމަށް އޭނާ ގެންނަވާ ހަމައެކަނި ބަދަލަކީ ފަހުން އަންނަ ގާނޫނުތަކާ އެއްގޮތަށް ގަވާއިދުތައް ހަރުދަނާ ކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ދައުރުން ފެށިގެން އަމަލު ކުރަމުން އަންނަ އެ ނިޒާމުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުން ކަމަށެވެ. އަދި އެ ނިޒާމު ތަންފީޒު ކުރަމުންދާ އިރު ކޮރަޕްޝަނުގެ އަމަލެއް ހިންގާނަމަ ތަފާތު އެކި މަގާމުގައި ތިއްބަވާ ހަ ބޭފުޅަކު އެ ހިޔާނާތެއްގައި ބައިވެރިވާން ޖެހޭނެ ކަމަށާއި އެއީ ވަރަށް ނާދިރު ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި ނިޒާމުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުން. ޕީޖީ އޮފީހުގަ ކޮރަޕްޝަނެއް ނޯންނާނެ. ކޮރަޕްޝަނެއް ނޯންނާނެއޭ މިދަންނަވަނީ ކޮރަޕްޓް ވަންޏާ ވާން ޖެހޭނީ ހަޔެއްކަ މީހުން އެއް ފަހަރާ. އެއީ ވަރަށް އުނދަގޫ ކަމެއް. ތަފާތު ދަރަޖައިގެ ތަފާތު ފެންވަރުގެ ހަޔެއް ނުވަތަ ފަސް ބޭފުޅަކު އެއް ފަހަރާ ވަކި މައްސަލައެއްގަ ކޮރަޕްޓު ވުމަކީ މިހާތަނަށް އަޅުގަނޑުމެންގެ ތަޖުރިބާގަ ކުރެވިފަ އޮތް ކަމެއް ނޫން،" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮސެކިއުޓަރުންގެ މައްސަލަ ބަލާ ނިޒާމު އެކުލެވިފައިވާ ގޮތުން ޕީޖީ އޮފީހުގައި ކޮރަޕްޝަނުގެ މައްސަލައެއް ނުހިނގާނެ ކަމުގެ ޔަގީންކަން ލިބޭ ކަމަށާއި އެ ނިޒާމާ މެދު ހިތްހަމަޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލައެއް ދިމާވި ނަަމަވެސް ފިޔަވަޅު އަޅާނެ ގޮތްވެސް ކަނޑައަޅާފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް