ސްކިންކެއާ ނުވަތަ ހަންގަނޑުގެ ފަރުވާ އާއި ރީތިކަމާ ގުޅޭ ކަންކަމުގައި މީރާ ރާޖްފުތުގެ ހިތުގައިވާ ލޯބި، އޭނާގެ އިންސްޓާގްރާމް ބަލައިލުމުން އެނގޭނެއެވެ.
މީރާގެ މީސްމީޑިއާ ޕްރޮފައިލްގައި ހަންގަނޑުގެ ފަރުވާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރުމަށް އޭނާ ލޯބިކުރެއެވެ. އޭނާގެ ފޭނުން މިފަދަ ޓިޕްސްތައް ބެލުމަށް ތިބެނީ ކެތްމަދުވެފައެވެ. އަދި މިފަހަރު ސްކިންކެއާ ޓިޕްސް ދިނުމަށް އެދުނީ އޭނާގެ ފިރިމީހާ ޝާހިދު ކަޕޫރުއެވެ.
އެގޮތުން މީރާ ވަނީ އޭނާގެ ފިރިމީހާ ސްކިންކެއާއާ ބެހޭ ގޮތުން އޭނާއާ ސުވާލު ކޮށް، އޭނާއަށް ފޮނުވާފައިވާ މެސެޖެއްގެ ސްކްރީންޝޮޓް އިންސްޓަގްރާމުން ހިއްސާކޮށްފައެވެ. އެ މެސެޖުގައި ޝާހިދު ވަނީ މޫނުގައި ހާކަން ބޭނުން ކުރާ މާސްކެއް ކަމަށް ބެލެވޭ މިކްސްއެއްގެ ފޮޓޯއެއް ފޮނުވާ، އެއީ ކޮން އެއްޗެއްކަން ހޯދުމަށް އެދިފައެވެ.
އެ ސްކްރީންޝޮޓް ދައްކާލަމުން މީރާ ބުނެފައިވަނީ، 'ސްކިންކެއާގެ މައުލޫމާތާމެދު ޝައުގުވެރިވެގެން މިއުޅެނީ ކާކުތޯ ބަލައިލަބަލާށެވެ.'
މީރާ ބޭނުން ކުރާ ސްކިން ކެއާ ޕްރޮޑަކްޓުތަކުގެ އިތުރުން ހަށިގަނޑު އެހާ ފުރިހަމައަށް ބެހެއްޓުމަށް އޭނާ ކުރާ ކަސްރަތާއި ޔޯގާ ދައްކުވައިދޭ ވީޑިއޯތަކަށް ވެސް އޭނާގެ ފޭނުން ވަރަށް ޝައުގުވެރިވެއެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި މީރާ ކޮންމެ ދުވަހަކުވެސް ކުރާ ވަކި ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި ކަސްރަތު ކުރުމާއި ސެފްރޮން އަޅާފައިވާ ފެން ބުއިން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
މީރާގެ އެފަދަ އާދަތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ. އޭނާ އަކީ އެފަދަ ކަންކަމުގައި ފޭނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ.
މީރާއާއި ޝާހިދު ކައިވެނިކުރީ 2015 ވަނަ އަހަރުގެ ޖުލައި ހަތް ވަނަ ދުވަހުއެވެ. ދެ ތަރިންނަށް މިހާރު ދެ ދަރިން ލިބިފައިވެއެވެ.