މެސީގެ ފުރަތަމަ މެޗުގައި ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ޕީއެސްޖީ އާ ރޭމްސް ބައްދަލުކުރި މެޗުގެ ތެރެއިން މެސީ ބޮޅަ ކޮންޓްރޯލް ކޮށްލަނީ--- ފޮޓޯ: ގާޑިއަން

ފްރެންޗް ލީގުގައި ސްޓޭޑް ރޭމްސް އާ ބައްދަލު ކުރި މެޗު 2-0 އިން ޕީއެސްޖީ ކާމިޔާބުކުރިއިރު ލިއޮނަލް މެސީ އެޓީމަށް ފުރަތަމަ ފަހަރަށް ކުޅެފިއެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ފޯވާޑް ކިލިއާން އެމްބާޕޭއެވެ. އަރިމަތިން އެންހަލް ޑިމަރިއާ ނަގައިދިން ހުރަސް އެމްބާޕޭ ގޯލުގެ ދަގަނޑަށް އަމާޒުކޮށްލީ ބޮލުންނެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނީވެސް އެމްބާޕޭއެވެ. އެމްބާޕޭ މިލަނޑު ޖެހީ އަޝްރަފް ހަކީމީ ހުސްކޮށްލާފައި ދިން ބޯޅަ އަކުންނެވެ.

ބެންޗުން މެޗު ފެށި މެސީ ކުޅެން ނިކުތީ ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ރޭމްސްގެ ޑިފެންސް ލައިނު ފޫއަޅުވާ ނުލެވުނު ނަމަވެސް މެސީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރޭގެ މެޗަކީ އެމްބާޕޭ ޕީއެސްޖީއަށް ކުޅޭ ފަހު މެޗަށް ވުން ގާތް ކަމުގައި މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެމްބާޕޭގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުން އަންނަނީ ފާރަލަމުންނެވެ.

ރެއާލްއިން ވަނީ މިހާތަނަށް ދެފަހަރު މަތިން ޕީއެސްޖީއަށް އަގު ހުށައަޅާފައެވެ. ނަމަވެސް ޕިއެސްޖީއިން އަންނަނީ އެމްބާޕޭ ވިއްކާލުމަށް ދެކޮޅު ހަދަމުންނެވެ.

comment ކޮމެންޓް