މެމްފިސް ބާސާ ސަލާމަތްކޮށްދީފި

ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ--- ފޮޓޯ: އޭއެސް

މެމްފިސް ޑިޕާއިގެ ގޯލާއެކު 2-1 އިން ގެޓާފޭގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ.

ބާސާއަށް މެޗުގެ ލީޑު ނަގައިދިނީ ދެވަނަ މިނިޓުގައި ޑިފެންޑަރު ސާޖީ ރޮބާޓޯއެވެ. މިގޯލު ރޮބާޓޯ ޖެހީ ޖޯޑީ އަލްބާ ފަހިކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ 19 ވަނަ މިނިޓުގައި ގެޓާފޭއަށް ނަތީޖާ އެއްވަރުކޮށްދިނީ ފޯވާޑް ސަންޑްރޯ ރަމިރޭޒްއެވެ. ރަމިރޭޒް މިލަނޑު ޖެހީ ބާސާގެ ކުރީގެ ކުޅުންތެރިޔާ ކާލެސް އެލޭނާ ފަހިކޮށްދިން ފުރުސަތަކުންނެވެ.

ގެޓާފޭއިން ލީޑު ނެގިތާ 11 މިނިޓު ފަހުން ބާސާ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލީ ފޯވާޑް މެމްފިސް ޑިޕާއިއެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސާއަށް ލިބިފައިވަނީ ތިން މެޗު ކުޅެގެން ހަތް ޕޮއިންޓެވެ. ފައިދާ ތިން ގޯލާއެކު ބާސާ ފަރުޖައްސާލަން ޖެހިފައި އޮތީ ތާވަލުގެ ހަތަރު ވަނަ މަގާމުގައެވެ.

ތިން މެޗުންވެސް ބަލިވެ ގެޓާފޭ އޮތީ ތާވަލުގެ 19 ވަނަ މަގާމުގައެވެ. ރޭ ލަލީގާ ގައި ކުޅުނު އެހެން މެޗުތަކަަށް ބަލާއިރު އޮސަސޫނާ ވަނީ ކަޑިޒްގެ މައްޗަށް 3-2 އިން ކުރި ހޯދާފައެވެ.

ރަޔޯ ވަޔެކާނޯ ވަނީ 4-0 އިން ގްރަނާޑާ ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

comment ކޮމެންޓް