ކާވަހާލްގެ ލަނޑާއެކު ރެއާލްއަށް ތިން ޕޮއިންޓު

ކާވަހާލް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަނީ--- ފޮޓޯ: އޭއެސް

ރެއާލް ބެޓިސް އަތުން 1-0އިން މޮޅުވެ ސީޒަނުގެ ދެވަނަ މޮޅު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

އެޓީމަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައި ދިނީ ޑިފެންޑަރު ޑެނީ ކާވަހާލްއެވެ. މިލަނޑު ކާވަހާލް ޖެހީ މެޗުގެ 62 ވަނަ މިނިޓުގައެވެ.

ކަރީމް ބެންޒެމާ ހުސްކޮށްލާފައި ދިން ބޯޅަ ކާވަހާލް ގޯލުގެ ތެރެއަށް ފޮނުވާލީ ފުރަތަމަ ފަހަރުން ހިތްގައިމު ވޮލީ އަކުންނެވެ.

ކާލޯ އެނޗެލޯޓީގެ އިރުޝާދުގެ ދަށުން އާސީޒަނަށް ނިކުތް ރެއާލް ވަނީ ލީގުގެ ފުރަތަމަ މެޗުން ޑިޕޯޓީވޯ އަލަވޭސް އަތުން 4-1އިން މޮޅުވެފައެވެ.

ދެވަނަ މެޗުގައި ރަށުން ބޭރުގައި ރެއާލް ވަނީ ލެވާންޓޭ އަތުން 3-3އިން އެއްވަރުވެފައެވެ. މިނަތީޖާތަކާއެކު ރެއާލް އޮތީ ތާވަލުގެ އެއްވަނަ މަގާމުގައި ހަތް ޕޮއިންޓާ، ފައިދާ ހަތަރު ގޯލާއެކުއެވެ.

ނަމަވެސް މިރޭ އެޓްލެޓިކޯ މެޑްރިޑު ކުޅޭ މެޗުން މޮޅު ވެއްޖެނަމަ ރެއާލް ދެވަނަ މަގާމަށް ވެއްޓޭނެއެވެ.

އިންޓަނޭޝެނަލް ބްރޭކަށްފަހު ސެޕްޓެމްބަރު 13 ވަނަ ދުވަހު ރެއާލް ނިކުންނާނީ ސެލްޓާ ޑެ ވީގޯއާ ދެކޮޅަށެވެ. އެއަށްފަހު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރެއާލް ވާދަކުރާނީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާން އާ ދެކޮޅަށެވެ.

comment ކޮމެންޓް