މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފި

މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި ---- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނިކޮށް ލޭޒާ ލައިޓު އެޅުވި މައްސަލަ އައިލެންޑް އޭވިއޭޝަނުން ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފިއެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް "ސަން" އަށް ވިދާޅުވީ މި މައްސަލަ ފާހަގަވުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަަށެވެ.

"އަޅުގަނޑުމެން ވާނީ މި މައްސަލަ އައްޑޫ ސިޓީ ކައުންސިލުގެ ސަމާލުކަމަށް ވެސް ގެނެސްފައި. ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައި ވަނީ. މިއީ ހަމަ ވަރަށް ސީރިއަސް މައްސަލައެއް،" މޫސަ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ ފަސިންޖަރުންގެ ރައްކާތެރިކަން ކަަށަވަރުކުރުމަކީ މޯލްޑިވިއަނުން އެންމެ އިސްކަން ދޭ އެއް ކަންތައް ކަމަށެވެ.

އެެހެންކަމުން ބޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތަށް ބުރޫއަރާ އެއްވެސް ކަމެއް ވާނަމަ އެކަމަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޭޒާ ލައިޓް އަޅުވާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ މޯލްޑިވިއަންގެ މޯލްޑިވިއަންގެ ފްލައިޓް Q2-106 ޖައްސަން އުޅުމުގެ ތެރޭގައެވެ.

comment ކޮމެންޓް