އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު އިފްތިތާހުކޮށްފި

އެމްޓީސީސީ ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު އިފްތިތާހުކޮށްފިއެވެ.

އެމްޓީސީސީގެ ހޮޓްލައިން ނަންބަރަކީ 1650 އެވެ.

އެ ކުންފުނިން ހޮޓްލައިން ނަމްބަރު އިފްތިތާހުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ހޮޓެލް ޖެން ގައި ބޭއްވި ހާއްސަ ހަފްލާއެެއްގައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހޮޓްލައިން ނަމްބަރެއް އިފްތިތާހުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެއް ނަމްބަރަކުން ކުންފުނީގެ ހުރިހާ ހިދުމަތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުންކަމަށެވެ.

އޭގެ ތެރޭގައި އެ ކުންފުނީގެ އެކި ޑިވިޝަންތަކާ ގުޅުން ހުރި މައުލޫމާތާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ހަމައެއާއެކު މިހާރު ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގުޅުމަށް ބޭނުންކުރާ ނަމްބަރުތަކުން ހިދުމަތް ދިނުން އެއް މަސް ދުވަހުގެ ތެރޭ ހުއްޓާލާނެކަމަށްވެސް ބުންޏެވެ.

ހަމައެއާއެކު ކޯލް ސެންޓަރުގެ ހިދުމަތް ކޮންމެ ދުވަހަކުވެސް 24ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ހޮޓްލައިނަށް ގުޅުމުން އެއްވެސް ފައިސާއެއް ޗާޖުނުކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއު ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ކަމުގައިވާ ރަށްރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި މަގު ހެދުމާއި އެއާޕޯޓު ތަރައްގީކުރުން ފަދަ މަޝްރޫތައް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް