ޕީޕީއެމްގެ ވެރިކަމެއްގައި ގާޒީންނާ އިންސާފު އަރާ ހަމަކުރާނެ: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމެއްގައި ނުހައްގުން ހުކުމް ކުރި ހުރިހާ ގާޒީންނާ މެދުގައި ގާނޫނު އަރާހަމަކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ ފަނޑިޔާރެއްގެ އަމިއްލަ އިއުތިރާފުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމަކީ ގޯސް ހުކުމެއްކަން އެނގެން އެބައޮތް ކަމަށެވެ.

"ކޮންމެސް ދުވަހަކުން ގާނޫނު އަރާ ހަަމަކުރާނެ. ދެން އިރާދަކުރެއްވިއްޔާ އެ ދުވަސް އަރާ ހަމަކުރާނެ. އެއީ ރައްޔިތުން އިންސާފު ހޯދަން ނިކުންނާނެ. ޕީޕީއެމްގެ ސަރުކާރެއްގައި ހަމަ އަންނަ ގޮތަކަށް ފަނޑިޔާރުން ނަގާ އުކައެއް ނުލާނެ،" އަދުރޭ ވިދާޅުވިއެވެ.

އޯގަސްޓު 29، 2021: އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އަބްދުއްރަހީމް ވާހަކަދައްކަވަނީ. ފޮޓޯ/ ޕީޕީއެމް

އޭނާ ވިދާޅުވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާނީ ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ހިންގުމަށްފަހު ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ހަމައެއާއެކު ރައީސް ޔާމީންގެ ޝަރީއަތުގައި ފަނޑިޔާރުން އަމަލުކުރައްވާފައިވާ ގޮތާމެދު އަދުރޭ ވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފައެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގައި އަދުލު އިންސާފިގެ ނިޒާމު އެއްކޮށް ފުނޑާލައިފައިވާކަމަށެވެ. އަދި މީގެ ކުރިން އަދުލުއިންސާފުގެ ނިޒާމު ވެއްޓިފައިނުވާ މިންވަރުގެ ދަށު ދަރަޖައަކަށް ރާއްޖޭގައި މިއަދު މި ނިޒާމު ވެއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަދުލު އިންސާފުގެ ދާއިރާ އެއްކޮށް މިއޮތީ މިއަދު ހަރާބުވެފައި. ދިވެހިރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ނާދޭ ސަރުކާރަކުން މިހާވަރަށް ކޯޓުތަކަށް އަތް ބާނައިގެން ހުކުމް ކުރަމުން ދިޔަ ދުވަސްވަރެއް. މިއީ މުޅި ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ މައްސަލައެއް. ދިވެހިރާއްޖޭގެ އަދުލު އިންސާފު ނެތްކަން ވަރަށް ސާފުކޮށް މިވަނީ ހާމަވެގެން ގޮސްފައި،" އަދުރޭ ވިދާޅުވިއެވެ.

އަދި އިންސާފުގެ ހައްގު އެއީ ކޮންމެ މީހަކަށްވެސް ތަފާތުކުރުމެއް ނެތި ލިބެންޖެހޭ ހައްގެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ކުޑަ ކެކުރިއެއް ބޮޑު ކެކުރިއެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/156136

އިދިކޮޅު ކޯލިޝަނުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސް ޔާމީންގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް