ރޮނާލްޑޯ އެއީ މާޒީ، އެމްޕޮލީ އަތުން ބަލިވުމުގެ ޒިންމާ އޭނާގެ ބޮލުގައި ނޭޅުވޭނެ: އެލެގްރީ

ރޮނާލްޑޯއާއި އޭނާގެ ކުރީގެ ކޯޗު އެލެގްރީ ---

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުން ބަލިވުމުގެ ޒިންމާ އެ ޓީމު ދޫކޮށް މިފަހުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ނާޅުވާނެ ކަމަށާއި، އެއީ މާޒީ ކަމަށް އެ ޓީމުގެ ކޯޗު މިސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމަށް އަދި ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އުދިނޭޒީއާ އެއްވަރުވެފައެވެ.

ކުރީ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުތް ރޮނާލްޑޯ އާއި ޔުވެންޓަސްގެ ގުޅުން ގޯސްވެފައިވާކަން އޭރުވެސް މީޑިއާގައި ތިލަވި އިރު، އެ މެޗަށް ފަހު ކުލަބުގައި މަޑުކުރަން ބޭނުން ނުވާ ކަން ރޮނާލްޑޯ ޔުވެންޓަސްއަށް އެންގި އެވެ. އެއާ އެކު އޭނާ ބަދަލުވާނެ ކަމަށް އޭރު ބެލެވުނީ މެންޗެސްޓާ ސިޓީއަށެވެ. ސިޓީއާ އެކު އެއްބަސްވުމަކަށް ދާން ވާހަކަތަކެއް ދެކެވުނު ނަމަވެސް ފަހުވަގުތު ސިޓީން ވަނީ ރޮނާލްޑޯ ގެންދިއުމަށް ދެކެވުނު ވާހަތަކަށް ނިމުމެއް ގެނެސްފަ އެވެ.

އެއަށްފަހު ދެން ފެނިގެން ދިޔައީ މީގެ 12 އަހަރު ކުރިން ރޮނާލްޑޯ ދޫކޮށްލި ކުލަބަކަށް އޭނާ އަނބުރާ ދިޔަތަނެވެ. އެހެން ނަމަވެސް ޔުވެންޓަސްއިން ރޮނާލްޑޯ ކަންތައް ކުރި ގޮތް ބަލައިނުގަަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ރޮނާލްޑޯ ކުލަބު ދޫކޮށްލުމުން ޔުވެންޓަސްގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓަކުން ވެސް އެކަން ހާމަކޮށްފައެއް ނުވެ އެވެ.

"ރޮނާލްޑޯ ތިން އަހަރު ވަންދެން ޔުވެންޓަސްގައި ކުޅެފައި އެދިޔައީ. ގިނަ ގޯލުތަކަކާ އެކު އޭނާގެ މޮޅުކަން ކިތަންމެހާވެސް ދެއްކި. އެކަމަކު މިހާރު ރޮނާލްޑޯ ނެތްކަމުގެ ބަހަނާއެއް ނުދެއްކޭނެ،" ރޭގެ މެޗަށްފަހު އެލެގްރީ ބުންޏެވެ.

އެލެގްރީ ބުނީ އޭނާގެ އަތުގައި އޮތް ޔުވެންޓަސްގެ ސްކޮޑަކީ ވެސް ވަރުގަދަ ސްކޮޑެއް ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިން މިވަގުތު ތިބީ ބައިބައިވެފައި ކަމަށާއި، ހުރިހާ މެޗެއްގައި ޑޮމިނޭޓް ނުކުރެވޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް