ފަތުރުވެރިންވެސް ކަރަންޓީނު ކުރަން ޖެހުމުން އެކަން ކުރާނަން: މައުސޫމް

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްމީކޮށް ފަތުރުވެރިން ކަރަންޓިނުވާކަމުގެ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާކަމަށާއި އެހެންނަމަވެސް ފަތުރުވެރިން ކަރަންޓީނު ކުރަން ވީމާ އެކަން ކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓީނުވުމަށް އިންޑިއާއިން "ފަތުރުވެރިން"ގެ ގޮތުގައި ބިދޭސީން އަންނަ ކަމުގެ ޝަކުވާތަކާ ގުޅިގެން ވާހަކަދައްކަވަމުން މައުސޫމް "ސަން"އަށް ވިދާޅުވީ ކަރަންޓީނަށް ރާއްޖެއަށް ފަތުރުވެރިން އަންނަ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދައިން ފަތުރުވެރިން އަމަލުކުރާ ނަމަ އެއީ އެމީހުން ދަތުރަށް ގެންނަ ބައެއް ބަދަލުތައް ކަމަށެވެ.

"ރާއްޖެއަށް އަންނަ އިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން އައީމާ ނުޖެހޭނެ ކަރަންޓީން ވާކަަށް، މިހާރު އެއީ އެހެން ތަނަކަށް ގޮސް ކަރަންޓީނު ވާން ނުޖެހޭ ގޮތް ހަދަން ވެގެން އެމީހުން ދަތުރަށް ގެންނަ ބަދަލެއް. އެކޮޅަށް ވަންނަން ހުއްދަ ހޯދަން ވެގެން،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ރާއްޖޭގައި އެ މީހުން ހޭދަކުރާ މުއްދަތުގައި ކޮވިޑް-19އާ ގުޅިގެން ކަރަންޓީނު ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެކަމަށެވެ.

"މިހާރު ފަތުރުވެރިން އަޅުގަނޑުމެން ކަރަންޓީނަށް ލަން އެޗްޕީއޭގެ އުސޫލުގައި އޮންނަ ގޮތަށް، އެމީހުންވެސް ޑައިރެކްޓު ކޮންޓެކްޓުންނަށް ވީމަ. ޕޮޒިޓިވް ވެއްޖެޔާވެސް. ފަތުރުވެރިން ވެސް ކަރަންޓީނު ކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެން އެކަން ކުރަން،" މައުސޫމް ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު މައުސޫމް ވަނީ ފޭކް ބުކިންގެ މައްސަލައާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެފަދަ އެއްވެސް މައްސަލައެއް އެ މިނިސްޓްރީއާ ހަމަޔަށް ފޯރާފައި ނުވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ޓްރެވަލް އެޖެންސީ އަކުންވެސް އެފަދަ މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ.

"ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި އޮންނަ ބައެއް އަޅުގަނޑުމެންގެ ގަވާއިދާ ހިލާފުވާނަމަ އެކަމުގައި އަޅުގަނޑުމެން ފިޔަވަޅު އަޅާނަން، ޓޫރިސްޓުންނަށް އޮޅުވާލައިފިޔާ އެތަން ބަންދުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަދަ ގިނަ މައްސަލަތަކަކީ ޖިނާއީ ކުށްތަކުގެ ތެރެޔަށް ވަދެގެންދާ ބޮޑެތި މައްސަލަތައް ކަމަށެވެ. އަދި އެ މިނިސްޓްރީއަކީ ކުށް ތަހުގީގުކުރާ އިދާރާއަކަށް ނުވި ނަމަވެސް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށެވެ.

"އެފަދަ މައްސަލަތަކަކީ ކްރިމިނަލް މައްސަލަތައް. މަކަރު ހެދުން ފަދަ ކަންކަން އެއީ، އެކަންކަން ޖެހޭ ޕޮލިހުންނަށް ރިޕޯޓްކުރަން، އަޅުގަނޑުމެންނާ ހިސާބަށް އަންނަ މައްސަލަތައް ވެސް އަޅުގަނޑުމެން ހުންނާނެ ޕޮލިހަށް ރިޕޯޓުކޮށްފައި،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި އެންމެހާ މަސައްކަތްތައް ކުރައްވާނެކަަމަށެވެ.

comment ކޮމެންޓް