މުވައްޒަފުން ތަމްރީނު ކުރުމަށް ފެނަކައިން ކޯހެއް ފަށައިފި

ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ގެ ނަމުގައި ފެނަކައިގެ މުވައްޒަފުން ތަމްރީނު ކުރުމަށް ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން ކޯހެއް ފަށައިފިއެވެ.

ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގެ އެންޑް ރިސާޗްގެ ޑީން އައިޝަތު ފަސީހާ މުހައްމަދު "ސަން"އަށް ވިދާޅުވީ، މިއީ އެ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ފުރަތަމަ ކޯސް ކަމަށެވެ. މުވައްޒަފުންނަށް ހިލޭ ހިންގާ މި ކޯހަކީ މޯލްޑިވްސް ސްކިލް ޑެވެލޮޕްމެންޓް އޮތޯރިޓީއިން އެޕްރޫވްކޮށްފައިވާ ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިޝަން ކޯހެކެވެ.

ފެނަކައިގެ މުވައްޒަފުން ތިބޭ 16 އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފުރަތަމަ ފަށާފައި މިވަނީ ހއ. އަދި ހދ. ގެ ފެނަކައިގެ 32 މުވައްޒަފުންނަށެވެ.

ތިއަރީ ބަޔަކާއި ޕްރެކްޓިކަލް ބައެއް ހިމެނޭ މި ކޯސްގެ މުއްދަތަކީ ހަތަރު މަސް ކަމަށް ފަސީހާ ވިދާޅުވިއެވެ. އެއީ ތިއަރީއަށްވެސް އަދި ޕްރެކްޓިކަލް އަށްވެސް ދެ މަސް ދުވަހެވެ.

ތިއަރީ ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދާނީ ވަކި ރަށަކަށް ގޮސްގެންނެވެ.

މިވަގުތު ހއ. އަތޮޅު އަދި ހދ. އަތޮޅުގެ މުވައްޒަފުންވެސް ތިއަރީ ބައި ފަށާފައި ވާއިރު، ޕްރެކްޓިކަލް ފުރިހަމަކުރުމަށް ހއ. އަތޮޅުގެ މުވައްޒަގުން ދާނީ ކެލާ އަށެވެ. އަދި ހދ. އަތޮޅުގެ މުވައްޒަފުން ދާނީ ކުޅުދުފުއްޓަށެވެ.

އިލެކްޓްރިކަލް، މެކޭނިކަލް އަދި ރިނިއުވަބަލް އެނާޖީގެ އިތުރުން އެޗްއާރް އާއި އޮފީސް މެނޭޖްމަންޓް ފަދަ ބައެއް ކޯސްތަކުގެ ލެވެލް 3، 4 އަދި ޑިޕްލޮމާއާ ހަމައަށް ކުރިމަގުގައި އެ އިންސްޓިޓިއުޓްއިން ކުރިއަށް ގެންދިއުމަށް ރޭވިފައި ވާކަމަށް ފަސީހާ ވިދާޅުވިއެވެ.

"ވިލާ ކޮލެޖުން އެމްއެންޔޫ ތަންތަނުން އިންޖިނިއަރިންގް ކޯސްތަކުގައި ޑިގްރީ ލެވެލްއަށް ކުރިމަތިލާން އެ ބޭފުޅުންނަށް އަސްލު ފުރުސަތު ގެއްލޭ، ސެޓްފިކެޓް 3، 4 ލެވެލް ނީންނާތީވެ. އެހެންމަ މިހާރު މުވައްޒަފުންނަށް އަމާޒު ކޮށްގެން ލެވެލް 3، 4 އާ ޑިޕްލޮމާ ލެވެލްގެ ކޯސްތައް ކުރިއަށް ގެންދަނީ. އޭރުން ހަމަ އެ ބޭފުޅުންގެ ކެރިއާ ޑިވޮލޮޕްވެންދާނެ ދެއްތޯ،" ފަސީހާ ވިދާޅުވިއެވެ.

މުވައްޒަފުންގެ ކޯސްތައް ނިމުމުން މިހާރު ފެނަކައިގެ ޓެކްނިކަލް ޓީމަށް މީހުން އިތުރުވާނެކަމީ ފެނަކައަށް ލިބޭނެ ކުރިއެރުމެއް ކަމަށް ފަސީހާ ވިދާޅުވިއެވެ. އޭރުން ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ވެސް އެއްރަށުން އަނެއްރަށަށް މުވައްޒަފުން ދިއުމުގެ ބަދަލުގައި އެރަށަކުން މައްސަލަ ހައްލު ކުރެވޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތްތާނގައި ފެނަކައިގެ ޓެކްނިކަލް ހުރިހާ މުވައްޒަފުންނަކީ ދަށްވެގެން ސެޓްފިކެޓް 3 ނިންމާފައިވާ މީހުނަށް ހެދުމުގެ އަމާޒުގައި ފެށި މި ކޯހުގެ ސަބަބުން މުވައްޒަފުންނަށް އަމިއްލަ ކަންތައްތަައް ކުރުމަށްވެސް އެހީވެދޭނެއެވެ.

އޮފީސްތަގުތުތައް ފިޔަވައި އެހެން ވަގުތުތަކުވެސް އަމިއްލަ މަސައްކަތްކޮށް، ސެޓްފިކެޓްގެ ސަބަބުން މުވައްޒަފުންގެ ކުރިމަގަށް ފައިދާވާނެކަމަށް ފަސީހާ ވިދާޅުވިއެވެ.

comment ކޮމެންޓް