ރޮނާލްޑޯގެ ޓްރާންސްފާ އަނބުރާލުމުގައި ފާގަސަންގެ ބޮޑު ދައުރެއް

ރޮނާލްޑޯ އާ ފާގަސަން ފްރިމިއާ ލީގުގެ މޮޅު ކޯޗު އަދި މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު --- ފޮޓޯ: ގެޓީ

މިއަހަރުގެ ފުޓުބޯޅަ ސީޒަންގެ ޓްރާންސްފާ ބާޒާރު ވެގެން މިދަނީ އާދަޔާ ހިލާފު އަހަރަކަށެވެ. ޕީއެސްޖީއިން ލިއޮނެލް މެސީގެ ސޮއި ހޯދިއިރު މެންޗެސްޓާ ސިޓީއިން ވަނީ އިނގިރޭސި ޓްރާންސްފާ ރެކޯޑް މުގުރާލުމަށްފަހު ޖެކް ގްރީލިޝް ގަނެފައެވެ.

ޓްރާންސްފާ ބާޒާރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން މިވަނީ ދުނިޔޭގެ ފުޓުބޯޅަ ސިއްސުވާލާފައެވެ. ޔުނައިޓެޑުން ކުއްލިއަކަށް ރޮނާލްޑޯ އެކްލަބާ ގުޅޭނެކަން އިއުލާން ކުރީއެވެ.

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ދާން ބޭނުންވާކަން އިއުލާންކުރި ހިސާބުން ފެށިގެން އެންމެ ބުރަކޮށް ރޮނާލްޑޯ ގެންދިއުމަށް މަސައްކަތް ކުރީ ޔުނައިޓެޑުގެ ވާދަވެރި ކްލަބު މެންޗެސްޓާ ސިޓީއިންނެވެ.

ސިޓީ އާ ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް ވަނީ އަނގަބަހުން އެއްބަސްވުމަކާ ހަމައަށްވެސް އައިސްފައެވެ. ނަމަވެސް ސިޓީއިން ރަސްމީ ސިފައެއްގައި ރޮނާލްޑޯއަށް ބިޑު ހުށައެޅުމުގެ ކުރުމުގެ ކުރިން ޔުނައިޓެޑުން ޔުވެންޓަސްއަށް ބިޑު ހުށަހެޅިއެވެ.

ރޮނާލްޑޯގެ އެނބުރި އައުމުގައި ފާގަސަންގެ ދައުރު

ވަގުތު ކުޑަތަންވެފައި ވަނިކޮށް ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދުމަށް ފުންމާލީއެވެ. ކުއްލިއަކަށް ރޮނާލްޑޯގެ ސޮއި ހޯދުމަށް ނިކުތުމުގެ އަޑީގައި އޮތް އެންމެ ބޮޑު ސަބަބަކީ އެކްލަބުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަންގެ ނުފޫޒު ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު ސިފަކުރާ ގޮތުގައި ރޮނާލްޑޯ އަކީ ކްލަބުގެ 'ރަން ދަރި'އެވެ. ޔުނައިޓެޑުގެ ނިންމުންތަކައް ނުފޫޒު ފޯރުވޭ މަދު މީހުންގެ ތެރެއިން އެއް މީހަކީ ފާގަސަންއެވެ.

ފާގަސަންވެސް ރޮނާލްޑޯ ސިޓީ އާ ގުޅޭތަން ބަލަން ބޭނުން ނުވީ ކަމަށްވެދާނެއެވެ. ފާގަސަން ޔުނައިޓެޑާ ހަވާލުވެގެން ހުއްޓާ ސިޓީއިން ވަނީ ޔުނައިޓެޑުގެ ފޯވާޑް ކާލޯސް ޓެވޭޒްގެ ސޮއިވެސް ހޯދާފައެވެ.

2003 ވަނަ އަހަރު ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު ރޮނާލްޑޯ ފާގަސަންއާއެކު

ޓެވޭޒް ސިޓީއަށް ބަދަލުވުމާއެކު އެކްލަބުގެ ސަޕޯޓަރުން ޔުނައިޓެޑާ ފާގަސަންއަށް އަމާޒުކުރާ މަލާމާތް ބޮޑެވެ. ޓެވޭޒްގެ ޓްރާންސްފާގައި ހިނގިފަދަ ކަމެއް ތަކުރާރުނުކުރުމަށް ފާގަސަން ވަނީ އަމިއްލައަށް ނިކުމެ މަސައްކަތްކޮށްފައެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފާގަސަން ވަނީ ރޮނާލްޑޯއަށް ފޯނުން ގުޅައި މަޝްވަރާކޮށްފައެވެ. ޔުނައިޓެޑުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ތެރޭގައި ފާގަސަން އާ ދެކޮޅަށް ނިކުންނާނެ ބަޔަކު ނެތެެވެ. އެކްލަބުގެ ވެރިން ކަމުގައިވާ އެމެރިކާގެ ގްލޭޒާ އާއިލާއަށްވެސް ފާގަސަން އާ ދެކޮޅަށް ނުކުތުމަކީ އެކްލަބުގެ ސަޕޯޓަރުންނާ ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެކެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުން ފާގަސްއަށް ކުރާ އިޙްތިރާމާއި ލޮތްބަކީ އެކްލަބުގެ އެހެން ކުޅުންތެރިއެއް އަދި މާޒީގެ ކޯޗަކަށްވެސް ނުލިބޭ ފަދަ ފަޚްރުވެރި ޝަރަފެކެވެ.

ޔުނައިޓެޑުގައި ހައަހަރު ހޭދަކުރި ރޮނާލްޑޯގެ ކެރިއަރުގެ ކުރީކޮޅު ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު ހިއްސާދާރަކީ ފާގަސަންއެވެ. ފާގަސަން އާއެކު ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި ތިން ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕުގެ އިތުރުން ލީގު ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ފާގަސަން އާ ދެކޮޅު ހެދުމަކީރޮނާލްޑޯއަށްވެސް އުނދަގޫކަމަކަށް ވެގެންދިޔައެވެ. މީގެ ކުރިން ފާގަސަން އާ ބެހޭގޮތުން ވާހަކަ ދައްކަމުން ރޮނާލޯޑޯ ފާގަސަން ސިފަކޮށްފައިވަނީ ބައްޕައެއްގެ ގޮތުގައެވެ.

ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ދިއުމަށް ފަހުވެސް ރޮނާލްޑޯގެ އެންމެ ވަރުގަދަ ސަޕޯޓަރަކީ ފާގަސަންއެވެ.

ފާގަސަން ވަނީ މީގެ ކުރިން ރޮނާލްޑޯ ރެއާލް މެޑްރިޑާއެކު 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާއިރު ރޮނާލްޑޯއަށް ހިތްވަރު ދިނުމަށް ދަނޑަށް ގޮސްފައެވެ.

2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ރޮނާލްޑޯ ފާގަސަން އާއެކު ފޮޓޯއަކަށް ހުއްޓިގެން

ރޮނާލްޑޯ 2016 ވަނަ އަހަރު ޕޯޗުގަލް ޓީމާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރިއިރުވެސް ރޮނާލްޑޯ ތަށި އުފުލާލުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރީ ފާގަސަން އާއެވެ.

ރޮނާލްޑޯ އާ ފާގަސަންގެ ހާއްސަ ގުޅުމަކީ ރޮނާލްޑޯ 11 އަހަރަށް ފަހު ޔުނައިޓެޑަށް ބަދަލުވާ އެންމެ ބޮޑު ސަބަބުކަން ޔަގީނެވެ. މިކަމަށް ހެކިދޭ އެއް ސަބަބަކީ މީގެ ކުރިން އޮތް ޕްރެސް ކޮންފަރެންސް އެއްގައި ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ދައްކާފައިވާ ވާހަކައެވެ.

ސޯލްޝެއާ ބުނެފައިވާ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން އިތުރު ކުޅުންތެރިއެއް ޔުނައިޓެޑަށް އައުން ދުރު ކަމަށެވެ. ރަޕައޭލް ވަރާން އާ ޖޭޑަން ސަންޗޯގެ ސޮއި ހޯދުމަށް ޔުނައިޓެޑުން އެންމެ ބޮޑަށް މަސައްކަތް ކުރީ ޑިފެންސިވް މިޑްފިލްޑަރެއް ހޯދުމަށެވެ.

ނަމަވެސް ރޮނާލްޑޯ އެނބުރި އައުމާއެކު ޔުނައިޓެޑުގެ ކޯޗު ސޯލްޝެއަށްވެސް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ.

"ކްރިސްޓިއާނޯ އަކީ ކްލަބުގެ ލެޖެންޑެއް. އަހަރެންގެ ނަޒަރުގައި ކްލަބުގެ ތާރީހުގައިވެސް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ" ޔުނައިޓެޑުގެ ކޯޗު ރޮނާލްޑޯ އާ ބެހޭގޮތުން ބުންޏެވެ.

comment ކޮމެންޓް