ޗޮކްލެޓް ކްރަޝް 38

ޗޮކްލެޓް ކްރަޝް

"ކޮންމެ ފުރާނައަކަށް ޚާއްސަ ދޮރެއް ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ވެއެވެ. އަދި ކޮންމެވެސް ދުވަހަކު އަހަރެމެން ކޮންމެ މީހަކުވެސް އެ ދޮރުން ނިކުތުމަށްފަހު އަލުން މި ހަޔަތާށް އެނބުރި ނާދެވޭނެ އެވެ. އެ ދޮރު ހުރިތަނެއް އަދި އެ ދޮރުން ނިކުންނާނީ ކޮން ވަގުތެއްގައި ކަމެއް އެކަކަށްވެސް އެނގިފައެއް ނުވާނެއެވެ. އެއީ ދުނިޔެއާއި އާޚިރަތާއި ދެމެދުގައިވާ ދޮރެވެ. އެހެންވީމަ އެކަން ދަނެ އެކަމަށްޓަކާ ތައްޔާރުވާން ޖެހެއެވެ. މަރުވުމަށްފަހު މި ދުނިޔެ، ދުނިޔޭގައިވިހާ އެއްޗެއް، ދިރިއުޅުނުހާ ބަޔެއް އެތަނުގައިވިހާ ހިތްއުފާކުރުވަނި ޒީނަތްތެރިކަން އެހުރިހާ އެއްޗެއް ވާނީ ހުވަފެނެއްކަމުގައެވެ." ޝޭޚު ހަމްޒާ ޔޫސުފް

***

ކަޒްޔާ ކެލިގްރަފީގެ މަސައްކަތް ނިންމާލާފައި އެ އާޔަތަށް ބަލަން ހުރުމަށްފަހު ހިނިތުންވެލިއެވެ. ކުރުސި މިހާ ރީތިކޮށް ކަރުނަ ތިއްކެއްގެ ބައްޓަމަށް އެޅުމަކީ އަމިއްލަ ޑިޒައިނެއް ނޫނެވެ. މިއީ ނަކަލެކެވެ. އެކަމަކު ކުރުސި ލިޔެވިފައިވާ ގޮތާއިމެދު ހިތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އެފަންނުގެ ކުޅަދާނަ މާހިރުންގެ ފެންވަރު އަދި ނެތަސް އަމިއްލަ މަސައްކަތާއިމެދު ޔަގީންކަން ލިބި ފެންވަރު ރަގަޅުވަމުންދާ ކަން އިހުސާސްކުރެވުނެވެ. އޭނަ ކޮންމެ މަސައްކަތެއް ނިންމައިލުމަށްފަހު ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދުކުރެއެވެ. އޭނައަށް މި ހުނަރު ދެއްވީތީ ޝުކުރުވެރިވެއެވެ. އަދި މިކަމުގެ ތެރެއަށް ވަދެވުނުކަމީ ހަޔާތުގައި ނިންމުނު އެންމެ ރަގަޅު ނިންމުން ކަމުގައި ގަބޫލުކުރެވުނެވެ.

"ބިއުޓިފުލް. ސުބުހާނަﷲ............." އަމަން ބޮޑުވާ އިނގިލި އުފުލައިލިއެވެ." އަދި އާޔަތުގެ މާނަ ހިތަށް އެރުމުން އެ ފީލިންގްސްތައް ބުނެދިނުން ފަސޭހައެއްނުވާނެ.....ހޫމް އަދި އެއް ވާހަކަ. ކެލިގްރަފީތައް ވަކިން ޕެކްކޮށްލަންވީނު. ފުރަން ޓިކެޓްވެސް ނަގައިފިން. ޓާކީއަށް ގޮއްސަ މާލެ ދާނީ އިނގޭ..އަހަރެންގެ އެކުވެރިއަކު އިންވައިޓްކުރީ....."

ކެލިގްރަފީތައް ވަކިން ޕެކްކުރަން ބުނުމުން ކަޒްޔާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އަމަންގެ ރޭވުމުގެ އެއްވެސް ހިލަމެއްނުވިއެވެ. ކަޒްޔާ އުފަލާއެކު އިންތިޒާރުކުރަމުން ދިޔައީ އާއިލާއާއި ބައްދަލުވާނެ އިރަކަށެވެ.

ފުރަން އުޅެނިކޮށް ހިތާމައިންގޮސް ހަލާކުވާފަދަ ޚަބަރެއްވެސް ކަންފަތުގައި ޖެހުމުން ރަށަށް ވީހާވެސް އަވަހަށް ދާން ބޭނުންވިއެވެ. ހަލީމާދައްތަގެ ބަސްނާހާ ދަރި ސޯފިއާ ކަރަންޓީނާއި ޚިލާފުވެ މާމައާއި ބައްދަލުކޮށް މާމައަށް ކޮވިޑްޖެހިގެން ހާލުދެރަވެގެން ކޮވިޑް ފެސިލިޓީއަށް ގެންދެވުނީއެވެ. ވެންޓިލޭޓަރަށް ލާ ވާހަކަވެސް އެބަދެކެވެއެވެ. ކައިޝާގެ އެ ފޯނު ނުނެގުނުނަމައެވެ. ނަމަވެސް ނޭގުމަށްވުރެ އެނގުން ރަގަޅެވެ. ދަތުރުލަސްނުކޮށް އަވަސްކުރަން އަމަން ގާތު އެދެވުނީ މާމައަށްޓަކައެވެ. ތުރުކީގައި ދެން އެންމެ ދުވަހެއްގައިވެސް މަޑުކުރާކަށް އޭނަ ނޭދެއެވެ. ކައިޝާ ބުނީ އެހާ އަވަސްކުރުމުގެ މާނައެއް ނެތްކަމަށާއި ކޮވިޑް ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ހުއްދައެއްވެސް ނެތްކަމުގައެވެ.

"ކޮބާތަ ކެލިގްރަފީ؟"އެންމެ ފަހު ވަގުތު ކަޒްޔާއަށް އެ ފެންނަން ނެތުމުން ސުވާލުކުރިއެވެ.

"އެކުވެރިއެއްގެ އަތަށް ދީގެން މިއުޅެނީ. ކަޒްޔާ އުޅުނީމެއްނު ވިއްކަން..." އަމަން އިސްތަށިގަނޑުގައި އަތް މަހާލިއެވެ.

"ވިއްކަން ދިނީތަ؟" ކަޒްޔާ ލޯބޮޑުކޮށްލިއެވެ.

އަމަން ޖަވާބެއް ނުދިނެވެ. ކަޒްޔާ ރުޅި ފިނިކުރަން މަސައްކަތްކުރިއެވެ. އެތައް އަސަރުތަކެއް އެއްފަހަރާ ހަށިގަނޑުގައި ހިނގައިލިއިރު ނޭވާ ހަމަޔަކަށް އަޅުވަމުން ފުންކޮށް ނޭވާލުމަށްފަހު ކެތްތެރިވިއެވެ.

"އޭނަ އެހިފައިގެން ހިގައްޖެ. ޝާރްޖާގައި ހުންނަ ކެލިގްރަފީ މިއުޒިއަމްއަށް ލާންވެސް ހިތަށް އެރި. އެކަމަކު އޭނަ ގާތު ބުނެފާނަން ނުވިއްކާށޭ.ސަލާމަތުން އާއިލާއާއި ހަމަޔަށް ގެންގޮސްދޭށޭ. މާތްﷲއަށް އިތުބާރުކުރޭ. ތިހާ އަޅުވެރި ކުއްޖަކު ދުނިޔޭގެ ފަނާވަނިވި ތަކެއްޗާއިހެދި އެހާވަރުން އުޅޭތަން ދެކެން ބޭނުމެއްނޫން. ނަމަވެސް ކެލިގްރަފީ ވީމަ........................." އަމަން ބުނެލިއެވެ.

"ހޫމް.......ދުނިޔޭގެ ފަނާވެގެން ދާ އެއްޗަކާއިހެދި އެއްނޫނެއްނު މިއުޅެނީ. ކެލިގްރަފީ އެއަށްވުރެ ޚާއްސަ....ގިނައިން ހުންނާނީ އިސްމުފުޅާއި އާޔަތްތަކާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ނަންފުޅެއްނޫންތަ؟ އަމަން. ވަރަށް އުފާވެއްޖެ ތިގޮތަށް ވިސްނާތީ. ޔޫ ވިލް ގެޓް އެ ވައިފް ލައިކް ޔޫ......" ކަޒްޔާ ހިނިތުންވެލިއެވެ.

"މްމްމްމް..." އަމަން ސީރިޔަސް ނަޒަރަކުން ބަލައިލުމަށްފަހު ދުރަށް ބަލަން ފެށިއެވެ.

***

"އަޖައިބެއްނު. ކީއްވެ ޔާޔާ އޮފްލައިން ވެގެން މިއުޅެނީ؟ ރާއްޖެ ދިޔަކަމަކަށްވެސް ނުވޭ. ކޮންތަނަކަށްތަ އެ ދިޔައީ؟ އަމަންއަށް އިތުބާރުކުރެވޭ. ޔަގީނުންވެސް އަމަން ދެރަގޮތެއް ނަހަދާނެ. އެކަމަކު ކީއްވެ ބޭޑް ފީލިން އެއް ..........ހާދަ ވަރަކަށް ފޯނަށް ބެލިއްޖެ........ނޯއާއަށް ސަޕްރައިޒެއް ދޭން ދިޔަ ކުއްޖާ ވީމަ ނޯއާ ގާތުވެސް ނުބުނެވޭނެ...." އަޒާލިއާ އަށް ފޯނު ޗެކްކޮށްލެވުނީ ކިތައްފަހަރު ކަމެއްވެސް ނޭގުނެވެ. ވިސްނަންވީ އެއްޗެއް ވެސް ނޭގުނެވެ.

ކަޒްޔާ އޭނައަށް ހަދިޔާކުރި ކެލިގްރަފީ މޭޒުމަތީގައި ބާއްވައިގެން ބަލަން އިންދާ މަތީބައިން އެއްޗެއް ވެއްޓުނުކަހަލަ އަޑެއް އިވުނެވެ. ބިރާއި ސިހުން އެކުލެވިފައިވާ ނަޒަރަކުން އެދިމާލަށް ބަލައިލުމަށްފަހު ގުޑިލާން ނުކެރި އިނދެފައި އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ޖިންނި ޝައިތާނުންނަށްވުރެ މާތް އިންސާނުން ބިރުގަތީމަ އެއެއްޗެހި ބޮޑާވާނީ ނޫންހެއްޔެވެ؟ އަޒާލިއާ ގަދަކޮށްލާފައި ބާރުބާރަށް ހިނގައިގަތްގޮތަށް ސިޑިވެސް ގިރާކޮށްލީ ދުވެލާފައެވެ. ޒިކުރުކޮށްގެން ހުރުމާއެކު މާތްﷲ ރައްކާތެރިކަން ދެއްވާނެކަމުގެ ޔަގީންކަމެއް ހިތަށް ލިބުނެވެ. "ބިރު" އެ އިހުސާސަށްވުރެ ގަދަވެ ސިކުނޑިއަށް އެކަން އޭނަ ވިސްނައިދިނެވެ.

އަޖައިބުވަނީ ޒޭވިއާގެ ކޮޓަރީގެ ދޮރު އަޑާއަށް ހުޅުވާފައި ހުރީމައެވެ.

ބެލްކަންޏާއި ދިމާލުން ގަހުގެ ގޮފިތައް ހިރިލިހެން ހީވުމާއެކު ފިޔަވަޅުތަކެއްގެ އަޑުވެސް ކަންފަތުގައި ޖެހުނެވެ. އޭނަ ބެލްކަނިން ގުދުވެ ބޭރަށް ބަލަން އިރުކޮޅަކު ހުރިއިރު އެއްވެސް ހަރަކާތެއް އިތުރުކަމެއް ފާހަގަނުކުރެވުމުން އެނބުރިގޮސް ކޮޓަރިއަށް ވަނެވެ.

"ލޫލޫ. ހަމަޖެހިބަލަ. ޝައިތާނާގެ ޓްރިކަކަށްވާނީ. މީހުންގެ ސިކުނޑިއާއި ކުޅެ ވަހުމާއި ޝައްކު ވައްދަންވެސް އުޅޭނެ..."

ކޮޓަރީގެ ކްލޯޒެޓެއްގެ ވަތްގަނޑެއް ދަމާލާފައި ހުރިއިރު ތަޅުންމަތީގައި ފޮތެއް އޮތުމުން އޭނަ ގުދުވެނެގިއެވެ. ފޮތުގެ ތެރޭގައި ދެތިންގަނޑު ފޮޓޯ އޮތެވެ. ގައިގޯޅިކަމުން ބަލައިލަން އުދަގޫވެސްވިއެވެ. ޒޭވިއާއާއި އޭނަގެ އަންހެނުންނެވެ. އަޒާލިއާގެ މައުސޫމް މޫނަށް ތަފާތު ކުލަތަކެއްވެރިވިއެވެ.

އެފޮތަކީ އަންހެންކުއްޖެއްގެ ނޯޓު ފޮތެވެ.

ދާލިއާއާއި ޒޭވިއާގެ ނަން އެކީގައި އެކިގޮތްގޮތަށް އަޅާފަޔާއި ލޯބީގެ އެކި ލަފުޒުތަކާއެކު ބައެއް ޚާއްސަ ކަންތައް ނޯޓުކޮށްފައި ވިތަން ފެނުނެވެ. ވީއިރު ޒޭވިއާގެ އަންހެނުންގެ ނަމަކީ ދާލިއާ ތާއެވެ. އަމިއްލަ ނަމާއި ދާލިއާގެ ނަން ގުޅޭކަން ހިތަށް އެރުމާއެކު ގައިން ހީބިހިވެސް ނެގިއެވެ. އެ އަންހެންކުއްޖާ މަރުވުމުން ރޫހު މިތާ އުޅެނީހެއްޔެވެ؟ މިގެއިން އެފެންނަ ކުއްޖާއާއި މިއަންހެންކުއްޖާ ވައްތަރުވެސް މެއެވެ.

"އާހ...." އަޒާލިއާގެ އަތުން ފޮތް ދޫވިއެވެ. ހިތަށް ފިނިވީ އަދި ވަކިގޮތެއް ބަލާފައެއް ނޫނެވެ.

"ލޫލޫ މޮޔަވީތަ؟މަރުވާ މީހެއްގެ ފުރާނަ އަލުން ދުނިޔެއަށް ނާންނާނެކަން މުސްލިމެއް ވެއްޖެއްޔާ ގަބޫލުކުރާނެއްނު.....މޮޔަ ޚިޔާލުތަކާއި ވަހުމްތަކަށް ގޮސް އެހެން ދީންތަކުގެ އުސޫލުތައް ގަބޫލުކޮށް އެމީހުންގެ ޑްރާމާތަކާއި ވާހަކަތަކަށް ހެއްލެންވެއްޖެއްޔާ ދީނުންވެސް ބޭރުވެ މޮޔަވެދާނެ..ކާމް ޑައުން.....ބްރީތް........." އަޒާލިއާ ހިތަށް ވިސްނާދީގެން ބާރުބާރަށް ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އެޅުވުމުގައި ކާމިޔާބުކުރިއެވެ.

***

އަނާ އަރްކާންއަށް މާފުދޭން ހިތަށް އެރިއެވެ. ނަމަވެސް އޭރުން ޔަހްޔާއަށް އިންސާފު ނުލިބޭނެއޭ ކަން އެނގި ޚިޔާލު ބަދަލުވިއެވެ.އިސްލާމީ ޝަރީއަތުގައި އޮތްގޮތަށް އަރްކާންއަށް ހުކުމް ކުރުމާއި އެކު ވަލީވެރިން ބޭނުންގޮތަށް މަރުގެ ދިޔަ ދިނުން ނޫނީ މަރަށް މަރު ހިފުމަށް ދޫކޮށްލަން ނިންމިއެވެ. ނަމަވެސް ނުފޫޒުގަދަ މީހުންނާއި ގާނޫނުގެ އަތް އަރާ ހަމަކުރާނެ ދުވަހެއް އެނގެނީއެއް ނޫނެވެ. މައްސަލަ ކޯޓަށް ހުށަހެޅިޔަސް ހެއްކެއް ނެތޭ ކިޔާފައި ދޫކޮށްލާނެކަން ޔަގީނެވެ.

އަރްކާން ފުރަން ދަމުން އަނާއާއި ބައްދަލުކުރަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. މާލެއައުމަށްފަހު ޑިއުޓީއަށް ނިކުންނަން ފެށީ ހިތާމަތައް އެއްފަރާތްކޮށްލައިގެން ހުރެ ކެތްތެރިކަމާއެކުގައެވެ.

އެދުވަސްކޮޅު އޭނައަށް ޕްރޮމޯޝަނެއް ލިބި ސާޖަރީ ޑިޕާޓްމެންޓްގެ ހެޑްކަމުގައި ހަމަޖެހުނެވެ. މަސައްކަތުގައި އަވަދިނެތި އުޅުމުން ހިތާމައާއި ފިކުރުތަކާއި ދުރުހެލިވެވޭތީ އިންސާނީ ޚިދުމަތުގައި ހުރިހާ ވަގުތުތަކެއް ހޭދަކޮށްލިއެވެ. އެކްސިޑެންޓެއްވެ ނޫނީ ވަޅި ހަރައިގެން ގެނެވޭ މީހެއް ފެންނަ ވަގުތު އޭނަގެ ލޮލުގެ ސްކްރީނަށް ޔަހްޔާގެ މޫނު އަރާ ހިތަށް ފިނިވެއެވެ. އަތް ތުރުތުރުލާކަހަލަ ގޮތެއްވެސް ވެއެވެ. ކުރެވުނު ކުށާއިމެދު ހިތާމަކުރަން ފެށުނެވެ.

އަރްކާން ކޮންފަރެންސް ހޯލުގައި ބައްދަލުވުމެއްގައި އިންދާ ޒޭވިއާ ގުޅިއެވެ.

"ނީޑް ޔޯ ހެލްޕް އެރިކް...."

"ވަޓް ހެޕެންޑް...."

"ޑިޕްރެޝަންއަށް ޕިލްސް ބޭނުން. އަނެއްކާ....ނޭގޭ ދާލިއާ....އައި ފީލް ޝީޒް އެރައުންޑް.......އެރިކް....އައި ކިލްޑްހާރ. މިހާރު ދާލިއާ ރިވެންޖް ނަގަން އެނބުރި އައީ. އަހަރެން އެކަންޏެއްނޫން. އަޒާލިއާވެސް ބިރުން އެހެން ކިޔާވަރުން...."

"އެބަ ގުޅަން އިނގޭ....ކުޑަކޮށް ބިޒީ...."

އަރްކާން ފޯނު ބޭއްވިތަނާ ފުލުހުން އެތަނަށް އައުމުން އަރްކާންއަށް ތެދުވުނެވެ. ފުލުހުން ކޯޓު އަމުރު ދައްކާފައި އަރްކާން ހައްޔަރުކުރިއެވެ. އެތާ ތިބި އެންމެނަށް ޝޮކެއް ލިބި އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. އަރްކާން ފިޔަވައެވެ. އޭނަ ހުރިގޮތުން ހީވަނީ ދުނިޔޭގައި ހުރި އެންމެ ހަމަޖެހޭ މީހާ ހެންނެވެ. އަދި ފުލުހުން އޭނަ ބަލާ އަންނާނެކަން ދެނެހުރިހެންނެވެ.

***

ނަރުގިސް ފޯނުން ނޫސްކިޔަނިކޮށް ކުއްލި ޚަބަރު ފެނިފައި ހެޔަށް ގޮތެއްވިއެވެ. އެއީ ހަމަ އޭނަގެ ދަރިފުޅު އަރްކާންހެއްޔެވެ؟ އެނޫނީ ޑޮކްޓަރ އަރްކާނެއް ރާއްޖެއަކު ނުހުންނާނެއެވެ. ނަރުގިސް ވަގުތުން އަރްކާންއަށް ގުޅަން މަސައްކަތްކުރިއެވެ. ސަބްރާވެސް އެ ޚަބަރު އިވި "ހަމްދަރުދީ" ފައުޅުކުރިއެވެ.

"އަހަންނަށް ޔަގީން ބަޔަކު ހަސަދަ ފިލުވައިލީކަން. މުޅިންވެސް ސިޔާސީ ނުފޫޒުތައް. ވަކިޕާޓީއެއް ވީމަ ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާނެ ދޯ. އެރިކް މީހަކު މަރާފާނެތަ؟ މީހަކު މަރަން ފައިސާ ދޭނެތަ؟ ހީޒް އެ ޑޮކްޓަރ. ބަލިމީހުންގެ ޚިދުމަތުގައި ހުރި ޑޮކްޓަރެއް އެކަހަލަ ކަމެއް ނުކުރާނެ...." ސަބްރާ ހިތްވަރު ދިނެވެ.

"އާނ. އެވާނީ އޮޅުމަކަށް....ޔަހްޔާ......އޮޅުމެއްނޫން. އެނގިއްޖެ ވެގެން އުޅޭގޮތް...." ނަރުގިސްގެ ލޮލުން އަލިފާނި ބުރައިލިއެވެ.

ހަމްޒާގެ އާއިލާއިން ބަދަލު ހިފަންވެސް ކުށެއްނެތް ޒުވާނެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން ނުވާނެ ނޫންހެއްޔެވެ؟

"ޔަގީން އެ ނޯއާގެ ކަމަކަށްވާނީ...އޭނަ އަތުގައި ފައިސާ ހުރީމަ ނާޖާއިޒު ފައިދާ އެނެގީ..އަރްކާންގެ މިޒާޖު ހުންނަގޮތުން އަދި ބޯ ދަމައިގަންނަން ވެސް ނޫޅޭނެ. ތިމަންނަ ނުކުރަމޭވެސް ނުބުނާނެ . ކުޑައިރުވެސް އެހެން ހަދާ. ކުށެއްނުކުރާކަން އެހެމް މީހުން ދަނެގަންނަން ޖެހޭނީ......................."

ނަރުގިސް އޭނަ ދަންނަހާ ވަކީލުންނާއި މިނިސްޓަރުންނަށް އަދިވެސް ސަރުކާރުގެ މަތީ މަގާމުގައި ތިބި މީހުންނަށް ގުޅައިގެން އެކަމާއި ބެހޭގޮތުން މަޝްވަރާކުރިއެވެ. އޭނަގެ ދަރިފުޅު ބަންދުގައި ހުރެގެން ލޮލުފިޔަ ޖަހައިވެސް ނުލެވޭނެއެވެ. އެންމެފަހުން ކެތްނުކުރެވިގެން ހީނާގެ ނަމްބަރު ހޯދައިގެން ގުޅިއެވެ. އޭނަގެ ދަރިފުޅުގެ ބޮލުގައި އެހާވަރެއްގެ ކުށެއް އަޅުވަން ޖެހެނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރިއެވެ. ކަޒްޔާ އަމަންއާއި ކައިވެނިކުރުމުން ނޯއާއަށް ހަޖަމު ނުވެވުނީހެއްޔޭވެސް އެހިއެވެ. ހީނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބި އެންމެފަހުން ފޯނު ކަނޑައިލީއެވެ.

***

ނޯއާއަށް ކައިޝާ ގެނެސްދިން ފޮށިގަނޑު ހިފައިގެންގޮސް ކޮޓަރިއަށް ވަދެ ކަނޑައިލެވުނީ ތެޅިތެޅިވާ ހިތަކާއެކުގައެވެ. އެފޮށީގެ ތެރޭގައި އެތައް ހާސް ކުދި ސިޓީތަކެއް ވީތަން ފެނުމުން ހައިރާންކަމާއެކު ބަލަން އިނދެވުނެވެ. ކަޒްޔާގެ އަތު ލިޔުން ނޯއާއަށް އާ އެއްޗެއް ނޫނެވެ. ބައެއް ސިޓީތަކުގައި ސެކްޗްތައް ކުރަހާލާފައިހުރިއިރު ކުރެހުންތަކުންވެސް އެތައް ހާސް މެސެޖެއް ރައްދުކޮށްދިނެވެ.

"ކަޒްޔާ.މިއީ ކޮންކަމެއް......އައި ކާންޓް ބިލީވް......މިއީ ކަޒްޔާ މުޅިންވެސް އަހަންނަށް ލިޔުނު ސިޓީތައް؟"

ނޯއާ އެތަނުން އެއްސިޓީ ނަގާފައި ކިޔަންފެށިއެވެ.

"ޑިއަރ ނޯއާ ވީ ޝެއާޑް ސޯ މެނީ މޯމެންޓްސް ޓުގެދާ...ހަދާންވޭތަ ބީޗްގައި ތިބެ އަހަރެމެން ތަރިތައް ގުނި ދުވަސް...މިހާރުވެސް ރޭގަނޑު ހަނދާއި ތަރިތައް ފެނުމުން އެދުވަސްތައް އަނބުރާ އިއާދަވާނެނަމައޭ ހިތަށް އަރާ. އެނގޭތަ؟ އެހުރިހާ މޯމެންޓްސް ތައް ހިތުގައި ރައްކާކުރެވިފައިވޭ. ދުވަހަކު ދެން އަލުން ބައްދަލުވުމުގެ ނަސީބެއް ނުލިބުނަސް އެ ޕާޓް އޮފް މީ އިޒް ސްޓިލް ވިތް ޔޫ. ކޮންމެ ތާކު ހުއްޓަސް އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު އެކަކީ ތިއީ. އެންމެ ހަނދާން ވާ އެކަކީ ތިއީ ނޯއާ...ރިމެމްބަރިން ޔޫ........"

ބައެއް ސިޓީތައް ތަންކޮޅެއް ދިގެވެ. އަނެއްބައި ސިޓީ އެންމެ ދެތިން ލަފުޒެވެ. ނަމަވެސް އެއިން ކޮންމެ ލަފުޒެއްވެސް ނޯއާގެ ހިތަށް އަސަރުކުރުވިއެވެ.

"ނޯއާ...މައި ހެޕިނެސް..."

ނޯއާގެ އެނދުމައްޗަށް އެކިކުލައިގެ ސިޓީތައް އުކާލެވިފައިވެއެވެ. ހުރިހާ ކުލައެއް ހަމަކުރަން ކަޒްޔާ ކުރިމަސައްކަތް އޭނަވަނީ ފުރިހަމަކޮށްފައެވެ. އޭނަ އޮތީ ނިތުމަތީގައި އަތް ބާއްވާލައިގެން ފުން ޚިޔާލެއްގެ ތެރޭގައެވެ. ކަޒްޔާގެ އެ ސިޓީތައް ރަމްޒުކޮށްދެނީ ލޯތްބެވެ. އޭނަގެ ހިތުގައި މި ފަސްއަހަރުވާންދެން ފޮރުވައިގެން އުޅުނު ސިއްރެވެ.

***

އަމަންއާއެކު ކަޒްޔާ އަފްގާނިސްތާނަށް ދަތުރުކުރީ ހިތުން ރުހުމުންނެވެ. އަމަންގެ އެކުވެރިއެއްގެ ކައިވެނީގެ ދައުވަތަށް ދިޔުމުން އެތަނުގެ ސަގާފަތާއި އާދަކާދަ ފެންނާނެއެވެ. އެމީހުން އެޝަހަރުގައި މަޑުކުރާނީ ދެތިން ދުވަހުކަމަށާއި އެތަނުން ދިއްލީއަށްގޮސް އެއާ އިންޑާއިން ސީދާ މާލެ އަންނަން ޓިކެޓް ނަގާނެކަމުގެ ޔަގީންކަން އަމަންދިނެވެ.

"އެނގޭތަ؟ އަރްކާން ހައްޔަރުކޮށްފި....." އަމަން އާ ޚަބަރެއް ދިނެވެ.

"ސޭޑް. އެކަމަކު...." ކަޒްޔާ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. އެ ޚަބަރު އިވުމުން އުފަލެއްވެސް ނުވިއެވެ. ނަމަވެސް ޔަހްޔާއަށް އިންސާފު ލިބެނީކަން ޔަގީންވެ އަނާއަށްޓަކާ އޭނަ ހިނިތުންވެލިއެވެ.

"އެކަމަކު ދުވަސްކޮޅަކުން މިނިވަން ކުރާނެ. މިތަންތާ އެހެނެއް ނޫޅެވޭނެ..."

"ތިބުނީ ކިހިނެއް؟" ކަޒްޔާ ސިހުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު