ޗެމްޕިއަންސް ލީގުގެ ގުރު: ސިޓީއާ ޕީއެސްޖީގެ ކުރިމަތިލުމެއް، ގާޑިއޯލާއާ ދެކޮޅަށް މެސީ!

މެންޗެސްޓާ ސިޓީ އާ ޕީއެސްޖީ ބައްދަލުކުރި މެޗެއްގެ ތެރެއިން--- ފޮޓޯ: ގޯލް

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ނަގައިފިއެވެ. ރޭ ކުރިޔަށް ގެންދިޔަ ގުރުއަތު ނެގުމުގައި ވަރުގަދަ އަދި ވާދަވެރި ޓީމުތަކާއި، ކުޅުންތެރިންނާއި ކޯޗުންގެ ކުރިމަތިލުންތަކެއް މިފަހަރުވެސް ހަމަޖެހިގެންދިޔައިރު އޭގެ ތެރޭގައި ގައިމުވެސް އެންމެ ފާހަގަކޮށްލެވޭނެ އެއް މެޗަށް ވެގެން ދާނީ ލިއޮނެލް މެސީ ޕެޕް ގާޑިއޯލާއާ ދެކޮޅަށް ގުރޫޕު ސްޓޭޖުގައި ނިކުންނަ ދެ މެޗެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލު މިއަހަރު ކުޅުމަށް ހަމަޖެހިފައިވަނީ މޭ 28 ވަނަ ދުވަހު ރަޝިޔާގެ ސެއިންޓް ޕީޓާސްބާގްގައެވެ.

މިފަހަރުގެ ގުރުއަަތުގައި ގުރޫޕު އޭ ގައި ލައްވާލީ މެންޗެސްޓާ ސިޓީ އަދި ޕީއެސްޖީއެވެ. ގްރޫޕު އޭގައި ދެން ހިމެނެނީ ކްލަބް ބްރޫޖް އަދި އާރުބީ ލައިޕްޒިގްއެވެ. މި ގުރޫޕުގައި ޕީއެސްޖީ އަދި ސިޓީ ބައްދަލުކުރާ ދެ މެޗުގައި ލިއޮނެލް މެސީ އޭނާގެ އާ ކުލަބާއެކު އޭނާގެ ކުރީގެ ކޯޗު ގާޑިއޯލާއާ ދެކޮޅަށް ނިކުންނާނެއެވެ. މި މުބާރާތަކީ މެސީ ބާސެލޯނާއާއެކު ނޫން ގޮތަކަށް ޗެމްޕިއަންސް ލީގުން ފެންނަ ފުރަތަމަ ފަހަރުވެސްމެއެވެ. ޕީއެސްޖީއިން ވަނީ މެސީގެ އިތުރުން މި ސީޒަނުގައި މޮޅު ގިނަ ކުޅުންތެރިންތަކެއް އެކުލަބަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ޖޯޖިއޯ ވައިނާލްޑަމް، ސާޖިއޯ ރާމޮސް އަދި އަޝްރަފް ހަކީމީ ހިމެނެއެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކުލަބަކީވެސް ޕީއެސްޖީއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ޗެލްސީ ހިމެނުނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްގެ އިތުރުން ރަޝިޔާގެ ޗެމްޕިއަނުން ޒެނިޓް ސެއިންޓް ޕީޓާސްބާގް އަދި ސްވިޑެންގެ މަލްމޯއާ އެއް ގުރޫޕެއްގައެވެ. ޗެލްސީއިން މި ސީޒަނަށް ކުރީގެ ކުޅުންތެރިޔާ ލުކާކޫ އަބުރާ އެކުލަބަށް ގެންދިޔައިރު، ޔުވެންޓަސްއިން މާ ބޮޑު ޓްރާންސްފާއެއް މިފަހަރަކު ނުކުރެއެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕު ލައްވާލީ ލިވަޕޫލްއަށެވެ. މި ގްރޫޕްގައި ހިމެނެނީ ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް، ޕޯޗުގަލްގެ ގަދަ ބާރު ޕޯޓޯ އަދި މިދިޔަ އަހަރު ސެރީ އޭގައި ވާދަވެރި ކުޅުމެއް ދެއްކި އޭސީ މިލާންއެވެ.

މެންޗެސްޓާ ޔުނައިޓެޑާ ވިޔަރެއާލް ލައްވާލީ ގްރޫޕް އެފްގައެވެ. އެގްރޫޕުގައި ދެން ހިމެނުނީ ސްވިސް ޗެމްޕިއަން ޔަންގް ބޯއިސް އަދި އިޓަލީގެ އަޓަލަންޓާއެވެ. އަޓަލަންޓާއަކީވެސް މިދިޔަ ސީޒަނުގައި ސެރީ އޭގައި މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔަކު ހައިރާންކުރުވި ޓީމެކެވެ. މެންޗެސްޓާ ޔުނައިޓެޑް މިފަހަރުގެ ޗެމްޕިއަންސް ލީގަށް ނިކުންްނާނީ ޖޭޑަން ސާންޗޯ އަދި ރަފައެލް ވަރާން ފަދަ މޮޅެތި އާ ކުޅުންތެރިންތަކަކާއެކު ތަފަތު ކުޅުމެއް ދައްކާށެވެ.

ޖަރުމަންގެ ވަރުގަދަ ބަޔާން މިއުނިކް އަދި މިހާރު މެސީ ނެތްތަން ފޫބައްދަން ޖެހިފައިވާ ބާސެލޯނާގެ އިތުރުން ޕޯޗުގަލްގެ ބެންފީކާ އާ ޔޫކްރެއިންގެ ޗެމްޕިއަން ޑިނާމޯ ކިއޭވް ހިމެނުނީ ގްރޫޕު އީގައެވެ. ބަޔާންއިން މި ސީޒަނަށް މާ ގިނަ ކުޅުންތެރިންތަކެއް އަލަށް ނުގެނައި ނަމަވެސް ބާސެލޯނާއިން ވަނީ މެމްފިސް ޑިޕޭ، އެރިކް ގާސިއާ އަދި އަގުއެރޯފަދަ ހުނަރުވެރި ތަރިން އެކުލަބަށް ގެނެސްފައެވެ. އަދި މެސީ ނެތްތަނުގައި ބްރެޒިލްގެ ފިލިޕޭ ކުޓީނިއޯ 10 ނަމްބަރު ޖާޒީގައި މުހިންމު ދައުރެއް އެ ކުލަބުގައި ކުޅޭނެކަމަށްވެސް ވަނީ ބެލެވިފައެވެ.

ޗެމްޕިއަންސް ލީގު އެންމެ ކާމިޔާބު ކުލަބުކަމުގައިވާ ރެއާލް މެޑްރިޑު ވާދަކުރާނީ އިންޓަ މިލާން، ޝަކްތާ ޑޮނެޓްސްކް އަދި މޮލްޑޯވާގެ ޗެމްޕިއަނުން ސެރިފް ޓިރަސްޕޮލްއާއެކު އެއް ގުރޫޕެއްގައެވެ. ރެއާލްއިން މިފަހަރުގެ މުބާރާތާއި ކުރިމަތިލާނީ ތަޖުރިބާކާރު ޑިފެންޑަރު ވަރާން އާއި ރާމޮސް ނުލައެވެ. އެ ދެ ކުޅުންތެރިންނަކީ މިދިޔަ އަހަރުތަކުގައި ރެއާލްއިން ހޯދި ގިނަ ކާމިޔާބީތަކެއްގައި ބޮޑު ދައުރެއް އަދާކުރި މުހިންމު ދެ ކުޅުންތެރިންނެވެ. އަދި އެ ދެ ކުޅުންތެރިން ނުލާ، އަދި ބަދަލުގައި މާ ވަރުގަދަ ތަފާތު ކުޅުންތެރިއެއް ނުގެންނަ ރެއާލްއަށް ޗެމްޕިއަންސް ލީގުގައި މިފަހަރު ދެވޭނީ ކިހާ ހިސާބަކަށްތޯ އެއީ ގިނަ ބަޔަކު މިހާރުވެސް އުފައްދާ ސުވާލެކެވެ.

ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލައްވާލި ބޮރޫޝިއާ ޑޯޓްމުންޑް އާ އަޔެކްސްގެ އިތުރުން ތުރުކީގެ ބެސިކްޓާސް އާއެކު ގްރޫޕް ސީގައެވެ. ގްރޫޕް ޖީގައި އޮތީ ފްރާންސް ލީގު ޗެމްޕިއަން ލިލް އާ ސެވިއްޔާގެ އިތުރުން އާރުބީ ސަލްޒްބާގް އަދި ޖަރުމަންގެ ކްލަބު ވުލްސްބާގްއެވެ.

comment ކޮމެންޓް