އެންމެ މުހިއްމު ކަމަކީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން: ރައީސް

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސް ވަރެއްގައި އެންމެ މުހިއްމު ކަމަކީ އިންޓެލިޖެންސް މައުލޫމާ ހިއްސާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުވާ ކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މައުލޫމާތު ހިއްސާ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތް ތަކުގައި އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ---

"މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަހައްދީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއް. ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި، ގާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ގާނޫނީ ވެރިކަން ހިމާޔަތްކޮށްދިނުން،" ރައީސް ސޯލިހް ވިދާޅުވިއެވެ

"މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެ."

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

އަލަށް ދިވެހި އަސްކަރިއްޔާގެ ޚިދުމަތާ ގުޅުނު ސިފައިންނާ މުޚާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި، ގާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ގާނޫނީ ވެރިކަން ހިމާޔަތްކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މާތްވެގެންވާ އިސްލާމް ދީނާއި، ގާއުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރއްޔާ ސިފައިންގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ސިފައިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ގާއުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންނަށް ބަޑި ހަވާލުކުރުން ---

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، ދީނާއި ގާއުމު ދިފާއު ކުރުމުގައި ދެމިތިބޭ އަދި އެމީހުންގެ އާއިލާތަކަށާއި ދިވެހި ގާއުމަށް ރީތި ނަން ހޯދައިދޭ ބަޔެއްގެ ގޮތުގައި ދެމިތިއްބެވުމަށް ގޮވައިލައްވާފައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

comment ކޮމެންޓް