ވަޅި ޖެހީ ސީދާ ކަރަށް، ޒުވާނާ އޮތީ މަރުގެ ތުންފަތްމަތީގައި

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ޒަަހަމްކޮށްލި ޒުވާނާ -- ފޮޓޯ/އާއިލާ

މީޑިއާތަކަށް މާ ބޮޑަށް ތިލަވެފައި ނުވި ނަމަވެސް އިއްޔެގެ ވަގުތެއްގައި މާލޭގައި ވަނީ ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފައެވެ. އެ ހާދިސާގައި ޒަހަމްވީ 21 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

އެ ހާދިސާ ހިނގައިދިޔަ ގޮތް އެ ޒުވާނާގެ އާއިލާ މީހަކު ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.

އެ ޒުވާނާ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔައީ އޭޓީއެމްއަށެވެ. އޭނާ ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާ ވެސް އެކުގައެވެ.

އެ ދެ މީހުން ދުއްވައިފައި ގޮސް ސޯސަން މަގު ކޮޅުގައި ހުންނަ މިސްކިތް ކައިރީގައި މަޑުކޮށްލި ވަގުތު އެތަނުން ދެ ސައިކަލެއްގައި ދިޔަ ތިން މީހުން ވަޅި ޖެހީ އޭނާގެ ކަރަށެވެ. އޭރު ގަޑިން ވާނީ 10:13 ކަމަށް ޒުވާނާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އޭނަގެ ވާއަތު ކަރަށް ވަޅި ހަރާލާފަ އެމީހުން ފިލައިގެން ދިޔައީ. ތިން މީހުންގެ ގުރޫޕަކުން މިކަންކުރީ،" އޭނާ ކިޔައިދިނެވެ.

ވަޅި ހެރި ވަގުތު ނަސީބު ކަންދިމާކުރި ގޮތުން އެ ޒުވާނާގެ ހޭ ހުއްޓެވެ. އެ ޒުވާނާ ވަގުތުން އަވަސްވެގަތީ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ވޭތޯއެވެ. އެހެންކަމުން އޭނާގެ ލޯބިވެރިޔާ ސައިކަލުން ބޭލުމަށްފަހު އޭނާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވައިފައި ދިޔައީ އޭޑީކޭ ހޮސްޕިޓަލާ ދިމާއަށެވެ.

"ކިިރިޔާ ހޮސްޕިޓަލާ ހަމައަށް އޭނައަށް ދެވުނީ. ޚަބަރު ހުސްވެގެން ވެއްޓިއްޖެ އެ ހިސާބުން،" އޭނާ ކިޔައިދިނެވެ.

އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުނި ގޮތުގައި އޭނާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެގޮތުން އޭނާގެ ނޭވާލާ ހޮޅި ވެސް ބުރިވެފައިވާ ކަމަށާއި ކަރުގެ ވާއަތް ފަޅިން ހުރި ނާރުތައް ވެސް ބުރިވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ކިޔައިދިނެވެ.

"ޑޮކްޓަރުން ވިދާޅުވީ ބޮޑު ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށް. ހާލު ސީރިއަސް ކަމަށް،" ޒުވާނާގެ މިހާރުގެ ހާލަތު ކިޔައިދެމުން އާއިލާއިން ބުންޏެވެ.

އަދިވެސް އެ ޒުވާނާ ހޭ އަރައިފައި ނުވާއިރު އެ ޒުވާނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

އާއިލާއިން ބުނީ އިއްޔެގެ ހެނދުނު ހިނގި މި ހާދިސާއަށް އަދިވެސް ފުލުހުން ބަޔާނެއްހާ ހިސާބު ވެސް ނަގައިފައިވާކަން އާއިލާއަށް އެނގިފައި ނުވާ ކަމަށެވެ. އަދި ރޯމާ ދުވާލު މިފަދަ ހާދިސާއެއް ހިނގައިދިޔައިރު އަދިވެސް މި މައްސަލައިގައި މީހަކު ހައްޔަރު ނުވެ ވުމަކީ އިހުމާލެއްގެ ގޮތުގައި އާއިލާއިން ސިފަކުރެއެވެ.

"އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހުރޭ ބައިވަރު. ގައިމު ވެސް އެތާ ވެސް ތިން ކެމެރާ އިނދޭ. އޭނާ އެ އޮތީ މަރުގެ ތުންފަތް މަތީގައި އެކަމަކު އަދިވެސް ތަހުގީގެއް ކުރިއަކަށް ނުގެންދެވޭ،" އާއިލާއިން ތިބީ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ނުހަނު ބޭނުންވެފައެވެ.

އާއިލާއިން ބުނީ މިފަދަ ހަމަލާއެއް އެ ޒުވާނާއަށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. ކޮވިޑް-19ގެ ކުރިން އެމްޕީއެލްގައި މަސައްކަތް ކުރި މި ޒުވާނާއަކީ އެއްވެސް ގުރޫޕަކާ ގުޅުމެއް އޮންނަ ޒުވާނެއް ނޫން ކަމަށް ވެސް އާއިލާއިން ކަށަވަރު ކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް އަދި މި މައްސަަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ.

ސުވާލަކީ ރޯމާ ދުވާލު ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނަމަ މާލޭގެ މަގުތަކުގެ އަމާންކަން މިހާރަށްވުރެ ވެސް ބޮޑަށް ގެއްލިގެން ނުދާނެ ބާވައެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް