ހާހަކަށްވުރެ ގިނަ މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓައިފި

މިޔަރު އުރަހަތަކެއް --

ހާހަކާ ގާތްކުރާ އަދަދެއްގެ މިޔަރު އުރަހަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ގިނަ އަދަދެއްގެ މިޔަަރު އުރަހަ ފޮށިތަކަކުން ހުސްކުރާ މަންޒަރެވެ.

އެތަކެތި ހިފަހައްޓާފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފޮށިތަކުގެ އެންމެ މައްޗަށް އަޅާފައި ހުރީ ލޮނުމަހެވެ. އަދި އޭގެ ދަށުގައި ކަޅު ކޮތަޅުގައި މިޔަރު އުރަހަ އެޅުމަށްފަހު ބަހައްޓާފައި ހުއްޓެވެ. އެއީ މިޔަރު އުރަހަ ފޮރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

މިކަމާ ގުޅޭ ތަފްސީލު ކަސްޓަމްސްއިން އަދި ހާމަކޮށްފައެއްނުވެއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް މި އަހަރުގެ ޖަނަވަރީ މަހުގެ ތިން ވަނަ ދުވަހު ވަނީ އަތުލައިގެންފައެވެ.

އެއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 21 ފޮށީގެ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި އެ މައްސަލައިގައި ގާނޫނާ ހިލާފަށް ސިއްރުން މުދާ ބޭރުކުރަން އުޅުމާއި އޮޅުވާލުމުގެ އަމަލެއް ކުރަން އުޅުމުގެ އިތުރުން ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާވެސް ދެމީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ އުފުލާފައެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް