15 ބުރީގެ އިމާރާތާއެކު ކުންފުނީގެ ހިންގުމަށް ބޮޑު ލުޔެއް ލިބޭނެ: ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެޅުމަށް ނިންމާފައިވާ 15 ބުރީގެ އާ އިމާރާތާއެކު އެ ކުންފުނި ހިންގުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމްގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ކުންފުނިން އަޅަން ނިންމާފައިވާ އެ އިމާރާތުގެ ސަބަބުން ކުންފުނި ހިންގުމަށް ކުރާ ހަރަދުކުޑަކުރުމަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"އެ އިމާރާތުގެ މައިގަނޑު ބޭނުމަކީ މި ކުންފުނީގެ ހިދުމަތްތައް އެ ތަނަކުން ލިބޭނެ މަގު ހަމަޖެއްސުން، އަދި އެއާއެކު ހިންގުމުގެ ހަރަދު ވަރަަށް ބޮޑަށް ލުއިވެގެންދާނެ، މިހާރު ނަމަ މިހުންނަނީ އަޅުގަނޑުމެންގެ ރޭޑީއޯއާއި ޓީވީ ދެ ތަނެއްގައި، މިކަމަށް ހައްލު ލިބިގެންދާނެ އެއިރުން،" އޮފިޝަލް ވިދާޅުވިއެވެ.

މި އިމާރާތް އެޅުމަށް ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކުންނެވެ. އެއީ ލޯނުގެ ގޮތުގައި ނަގާ 25 ޕަސެންޓުގެ އިތުރުން ބާކީ 75 ޕަސެންޓަށް އެ ކުންފުނިން ހަރަދުކޮށްގެންނެވެ.

ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)ގެ ގޯތިތެރޭގައި 7000 އަކަފޫޓުގެ ސަރަހައްދެއްގައި 15 ބުރީގެ އިމާރާތެއް ޑިޒައިންކުރުމަށް ބަޔަކު ހޯދަން ޕީއެސްއެމުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު 11:00 ޖަހާ އިރު، ޕީއެސްއެމް ހެޑްއޮފީހުގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްއިން ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެ ބައްދަލުވުމަށް ހާޒިރުވެ، މައުލޫމާތު ސާފު ކުރުމަށް އެދިފައެވެ.

comment ކޮމެންޓް