އަލީ ވަހީދު ހައްޔަރު ކުރި ސަބަބު ފުލުހުން ބަލަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: އެންއީއޯސީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރިތޯ އާއި އޭނާ ހައްޔަރު ކުރި މައްސަލައިގެ ބާވަތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު "ސަން"އަށް ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެެވެ. އެހެންކަމުން އެކަން ޔަގީންކޮށް، ހައްޔަރު ކުރި ސަބަބު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަލީ ވަހީދު ހައްޔަރު ކުރިތޯ އެބަ ބަލަން. މި ބަލަނީ ކޮން ބާވަތެއްގެ މައްސަލައެއްގަތޯ ހައްޔަރުކޮށްފަ ވަނީ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު، ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތު ކުރެވޭ މީހުން އެއް ގައުމުން އަނެއް ގައުމާ ހަވާލު ކުރުމުގެ އެއްބަސްވުމެއް ހަދާފައިވާ ނުވާކަން ހަމީދު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ޖިނާއީ ތުހުމަތެއް ކުރެވޭ މީހަކު އިނގިރޭސިވިލާތުން ރާއްޖެ ގެނައުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތަކެއް ހުންނާނެ ކަމަށާއި އެކަންކަން ބަލަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

"ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އެކްސްޓްރެޑިޝަން އެގްރިމެންޓެއް އަދި މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްވެސް ނޯވޭ. ޖިނާއީ ތުހުމަތެއްގަ ހުންނަ ފަރާތެއް ރާއްޖެ ގެންނަން ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރާ ކަންތައްކަތެއް. އެހެންކަމުން އޭގަ ކުރަން ހުންނާނެ ބައިވަރު ކަންތައްތައް. އެކަންކަން އެބަ ޗެކް ކުރަމުން ގެންދޭ،" ސީޕީ ވިދާޅުވިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސިވިލާތުން އިއްޔެ އަލީ ވަހީދު ހިފެހެއްޓީ ވިސާގެ މުއްދަތު ހަމަވުމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ދޫކޮށްލާނެ ކަމަށް އަލީ ވަހީދާ ގާތް ފަރާތަކުން ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.

އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ގެންދަން ފެށިއެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އޭނާ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވެ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.

comment ކޮމެންޓް