މީހުން ބިނާކުރުމުގެ ހަ ސްކޮލާޝިޕަށް ޖަޕާނުން ހިލޭ އެހީ ދީފި

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސަކީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޖަޕަނީސް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް (ޖޭޑީއެސް)ގެ ދަށުން ދިވެހީންނަށް ހަ ސްކޮލާޝިޕް ފުރުސަތު ހޯދައި ދިނުމަށްޓަކައި އެގައުމުން ރާއްޖެއަށް ހިލޭ އެހީ ދީފިއެވެ.

ޖަޕާނުން ރާއްޖެއަށް ދޭން އެއްބަސްވެފައި ވަނީ 100 މިލިއަން ޔެން (998،000 ޑޮލަރު)ގެ ހިލޭ އެހީއެވެ. އަދި އެ އެހީގެ ދަށުން ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ދިވެހީންނަށް ހަ ފުުރުސަތެއް ލިބޭނެއެވެ.

އެ ސްކޮލާޝިޕްތަކާ ބެހޭ ގޮތުން މިދިޔަ ޖޫން މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ވަނީ އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ޖަޕާނުން ލޯނު ނުވަތަ ހިލޭ އެހީވެސް ފޯރުކޮށްދޭ އިރު އެންމެ ފުރަތަމަ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ސޮއި ކުރާ އެއްބަސްވުމެވެ. އަދި އެ އެހީގެ ދަށުން ކުރިއަށްގެންދާނެ މަސައްކަތްތަކާ ހަވާލުވާ ފަރާތަކާ އެކު، ޖަޕާނުން ރަސްމީ އެއްބަސްވުން ހަދަނީ އޭގެ ފަހުންނެވެ.

އެގޮތުން މިއަދު އެ ސްކޮލާޝިޕްތަކާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސަކީއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

މިއީ ސްކޮލާޝިޕްތައް ދިނުމަށް ޖަޕާނުން ރާއްޖެއަށް ފައިސާ ދޭ ދެވަނަ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ކުރިއަށް އޮތް ދެ އަހަރުވެސް އެގައުމުން 12 ދަރިވަރަކަށް އެ ފުރުސަތުތައް ދޭނެއެވެ.

އެގޮތުން ސްކޮލާޝިޕް ހާސިލު ކުރާ ދަރިވަރުންނަށް ޖަޕާނުގައި އެކި ދާއިރާތަކުން މާސްޓާސް ޑިގްރީ ލެވެލްއަށް ތައުލީމާއި ތަމްރީނު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެ ސްކޮލާޝިޕްތައް ލިބޭނެ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި އިގުތިސާދީ އަދި އުމްރާނީ ސިޔާސަތުތަކާއި އިދާރީ ދާއިރާ ހިމެނެއެވެ.

comment ކޮމެންޓް