ރިސޯޓު ވަޒީފާތަކުން ދިވެހީން ބާކީވެފަ؛ ގާނޫނީ ހައްލަކަށް ބޭނުންޖެހިފަަ

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ/މޯލްޑިވްސް.ނެޓް

ދިވެހީންގެ ބަދަލުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލިބުން، އަދި ގިނަ އަދަދަކަށް އެފަދަ ބިދޭސީ މަސައްކަތްތެރިން ލިބުމަކީ، ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިވެހީން ފިތިބާރުވެފައިވާ އެއް ސަބަބެވެ. ދިވެހިން އަދާކުރަމުންދިޔަ ގިނަ ވަޒީފާތައް މިހާރު އަދާކުރަމުންދަނީ ބިދޭސީންނެވެ. ކޮންސްޓްރަކްޝަންގެ މަސައްކަތުން ފެށިގެން ގޮސް މިހާރު ބިދޭސީން ކުދި ވިޔަފާރިތައް ހިންގާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

ކޮންމެ ކަންމައްޗެއްގަހެން ފިހާރައެއް ނުވަތަ މާރުކޭޓެއް ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާކަމުގެ މައްސަލަ އެއީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މިކަން ދިވެހިން އިގްތިސޯދީ ލޭނާރު ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައިވެސް އޮތީ ހަމަ މިހެންނެވެ. ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއާއި، އެ ދާއިރާއިން ވަކި ވަކި ފަރުދުންނަށް ލިބޭ އުޖޫރައަކީ ރާއްޖޭގެ ގިނަ އާއިލާއެއް އެއަށް ބަރޯސާ ވެގެން ދިރިއުޅެމުން އަންނަ އާމްދަނީއެވެ. ނަމަވެސް ހިތާމައަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ދިވެހިންނަށް ވުރެ، ބިދޭސީން އަތްގަދަވެ ވަޒީފާއަށް ދިވެހީން ސަލާންޖަހަން ޖެހިފައިވާކަމެވެ. އެ ދާއިރާއިން ދިވެހިންގެ ޖީބަށް ވަންނަ އާމްދަނީއަށް ވުރެ، ބިދޭސީންގެ ޖީބަށް ވަންނަ އާމްދަނީ ދަނީ އިތުރުވަމުންނެވެ.

ބިދޭސީންގެ "ޓޭކް އޯވާ"އަށް ގަވާއިދުން ފަހި ދޮރެއް

ރާއްޖޭގައި އެކި ދާއިރާތަކުގެ "މުސާރަ ބޮޑު" ގިނަ ވަޒީފާތަކެއްގައި ބިދޭސީން ތިބި އިރު، މުސާރަ ބޮޑު ނޫން ވަޒީފާތައްވެސް ދިވެހީންނަށް ވަނީ ގެއްލެން ފަށާފައެވެ. ނަމަަވެސް މިއީ ބިދޭސީން، ނުވަތަ ބޭރު މީހުންގެ މައްސަލައެކޭ ނުދެންނެވޭނެއެވެ. ދިވެހިންގެ ގިނަ ޒުވާނުންނެއް ޒަމާނުއްސުރެ އެންމެ ގިނައިން އަދާކުރަމުން އަންނަ އެއް ވަޒީފާއަކީ ރިސޯޓުތަކުގެ ވަޒީފާއެވެ. ސުކޫލު ނިންމާލާ ގޮތަށް ރަށާ ކައިރި ރިސޯޓެއްގައި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހި ޒުވާނުން ވަރަށް ގިނައެވެ. ސަބަބު ވަރަށް ސާފެވެ. ރަށާ ކައިރިން، އާއިލާއާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް ވަޒީފާ އަދާކުރަން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ.

ނަމަވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ގިނަ ވަޒީފާތައް ބިދޭސީންނަށް ދޭ މައްސަަލައަކީ ގިނަ ދިވެހީންގެ ކަންބޮޑުވުންހުރި ކަމެކެވެ. އަދި ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބުމުގެ ސަބަބުން ދިވެހީންނަށް ތަފާތުކުރުން ގެންގުޅޭ މައްސަލައަކީވެސް އެމީހުން ފާހަގަކުރާ ކަންކަމެވެ.ގަވާއިދުގައި މިހާރު އޮންނަ ގޮތުން ނަމަ ރިސޯޓުތަކުގެ ސްޓާފުންގެ ރޭޝިއޯ އަކީ 45 އިންސައްތަ ދިވެހި މަސައްކަތްތެރިން އަދި 55 އިންސައްތަ ބިދޭސީންނެވެ. އެ ރޭޝިއޯ އަކީ މުޅި ރިސޯޓަށް ބަހާލައިގެން ހަމަޖައްސާފައި އިންނަ ރޭޝިއޯއެކެވެ.

"ގަވާއިދުގަ އެހެން އިންނަހާ ހިނދަކު، އެ ވޯކާސް ރޭޝިއޯ ނުކަޓާ ނަމަ މިނިސްޓްރީއަކަށް އެ ރިސޯޓުތަކުން ކޮންމެ ވަޒީފާއަކަށް ބޭރު މީހުން ނެގިޔަސް އިންޓަވީން އެއް ނުކުރެވޭނެ. އެމީހުން އެ އަމަލުކުރަނީ ހަމަ ގަވާއިދުގެ ތެރެއިން،" ނަން ހާމަކުރަން ބޭނުން ނުވާ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިން ކުރިން އަދާކުރަމުން އައި ރިސޯޓު ވަޒީފާތަކަށް ބިދޭސީން ނެގި ކަމުގައިވީ ނަމަވެސް، ގަވާއިދުގައި ބުނާ "ސްޓާފް ރޭޝިއޯ" ނުކަޓާ ނަމަ މިނިސްޓްރީއަށް އެޅޭނެ އެއްވެސް ފިޔަވަޅެއްވެސް ނޯވެއެވެ. މިއީ، ބޭރު މީހުންގެ މައްސަލައެއް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޭރު މީހުން "ޓޭކް އޯވާ" ކުރަމުން މިދަނީ ގާނޫނުން އެކަމަށް ފަހި ދޮރެއްވެސް ހުޅުވިފައި އޮތުމުންކަން މިކަމުން ސާފެވެ.

ބަހަނާއަކީ ދިވެހިން "ޓްރެއިން" ވެފަ ނެތުން؟

ނަމަވެސް ސުވާލަކީ ދިވެހީން ވަޒީފާއަށް ޖެހިފައި ތިއްބާ ބިދޭސީންނަށް ރާއްޖޭގެ ގިނަ ވަޒީފާތައް މި ދެނީ އެ ވަޒީފާތަކަށް ދިވެހިން ނުލިބިގެންތޯއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނާގޮތުން ނަމަ، ރިސޯޓު ދާއިރާގެ މަތީ މަގާމުތަކަށް އެކަށީގެންވާ ޓްރެއިނިން ލިބިފައި ތިބި ދިވެހިން މަދެވެ. ނޫންނަމަ ރިސޯޓުތަކުގެ މަތީ މަގާމުތަކަށް އެބުނާ ބޭރު މީހާ ގެންނާކަށް ނުޖެހޭނެއެވެ. މާނައަކީ އެ މަގާމުތައް ބިދޭސީންނަށް ލިބެނީ "އެ ފެންވަރު ހުރި" ދިވެހިން ނެތިގެންކަމެވެ. މިނިސްޓްރީއިން މިކަމަށް ބުނަން އޮތީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކަށް އެކަށީގެންވާ ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރުވާނެކަމަށެވެ.

ނަމަވެސް ސުވާލަކީ ރިސޯޓުތަކުގެ 20، 30 އަހަރުވަންދެން މަސައްކަތް ކުރަމުންއައި ދިވެހީންނަށް އެންމެ ކުޑަމިނުން މެނޭޖަރު ލެވެލްގެ ވަޒީފާއެއް ނުލިބެނީ ކީއްވެގެންބާއެވެ. އުމުރުގެ ދެބައިކުޅަ އެއްބައި ފަތުރުވެރިކަމުގެ ދާއިރާގައި ހޭދަކުރާ އެ ފަރާތްތަކަށް އެވަރުގެ މަގާމަކަށް އެކަށީގެންވާ ތަޖުރިބާ ނެތީތޯއެވެ.

"ދިވެހިން މިދިޔަ 50 ވަރަކަށް އަހަރު ރިސޯޓުތަކުގަ އަދާކުރަމުންއައި ވަޒީފާއެއް ރޫމް ބޯއީގެ ވަޒީފާ އަކީ އެކަމަކު މިއަދު ދިވެހި އެތައް މުވައްޒަފުންނެއް ވަޒީފާގަނޑެއް ނުލިބި އުޅެނިކޮށް ބައެއް ރިސޯޓުތަކުން ބިދޭސީން ވަނީ އެ ވަޒީފާތަކަށް ނަގާފަ،" ރިސޯޓު މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާ، 'ރިސޯޓް ވޯކާސް މޯލްޑިވްސް' އިން ބުންޏެވެ.

މިއީ ދިވެހީން ނުލިބޭވަރުގެ ވަޒީފާއެއްތޯ؟ ފަސޭހައިން ދިވެހިން ލިބޭ، ދިވެހި ގިނަ ޒުވާނުންނެެއް އަދާކުރަން ބޭނުންވާ މި ވަޒީފާތަކަށް ބޭރު ބިދޭސީން ނެގުމުގެ ހުއްޖަތަކީ ކޮބާތޯ؟

"ކުރިން ރޫމް ބޯއީސް ގޮތުގަ ހުސް ދިވެހިން ތިބެނީ. އެކަމަކު މިހާރު ބިދޭސީން އެ ވަޒީފާތަކަށް ނަގާފަ ހުންނަނީ. މިކަހަލަ ވަޒީފާތައްވެސް ދިވެހީންނަށް ހޯދަން އުނދަގޫވުމަކީ ދެރަކަމެއް، ދިވެހީންނަށް ނުލިބި ރާއްޖޭގެ ރިސޯޓުތަކުން ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ލިބޭތީ ހިތާމަކުރަން،" މިއީ ރިސޯޓެއްގައި މަސައްކަތްކުރާ ދިވެހި ޒުވާނެއްގެ ބަސްތަކެވެ.

މިނިސްޓްރީގެ ވައުދު؛ ގަވާއިދަށް ބަދަލު ގެންނާނަން

މިހާރު އަމަލުކުރަމުންދާ ރިސޯޓުތައް ހިންގުމާ ބެހޭ ގަވާއިދަކީ ވަރަށް ކުރިން ހެދިފައިވާ ގަވާއިދެކެވެ. އޭގައި އިންނަ 45:55 ރޭޝިއޯ ބަދަލުކުރުމަށް ކުރީގެ ސަރުކާރުތަކުންވެސް މާބޮޑު މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން، ފަތުރުވެރިކަމާ ބެހޭ ރެގިއުލޭޝަންތައް މަޑުމަޑުން، ފަހަރަކު ގަވާއިދެއް އެމެންޑުކޮށް ނުވަތަ ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ އެދެވޭ ގޮތުގައި ބިދޭސީ މަސައްކަތްތެރިން އިތުރުވާ މައްސަލަ ހައްލުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު މުޅި ރަށަށް ހަދާފަ އިން 45:55 ރޭޝިއޯ، ރިސޯޓުގައި މަސައްކަތްކުރާ ވަކި ވަކި ޑިޕާޓްމަންޓުތަކަށް ބަހާލުމުގެ މަސައްކަތްކުރަމުންދާ ކަަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

"ބިދޭސީން ހަޔާ ކުރާ މައްސަލަ އަންނަ ވަރަކުން މިނިސްޓްރީން ދަނީ ޗެކު ކުރަމުން. މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ތެރޭގަ މިސާލަކަށް މި އިންނަނީ 45 ޕަސެންޓުގަ ދިވެހިން ނެތް ކަމުގައި ވަންޏާ ވީ އާ އާސްކިން ދެމް (ރިސޯޓު) ޓު ހަޔާ ދިވެހިން. 45 ގެ ޕެރިޓީ މެއިންޓެއިން ކުރަން." ނަން ހާމަކުރަން ބޭނުން ނުވާ ޓޫރިޒަމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުންގެ ރޭޝިއޯ 55 ޕަސެންޓުގައި ބެހެއްޓުމަކީ ވަރަށް ކުރިން ހަދާފައިވާ ގަވާއިދެއް ކަމަށާއި، އެ ގަވާއިދު އިސްލާހުކޮށް، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ބޮޑު ރޭޝިއޯ، ނުވަތަ ގިނަ މުވައްޒަފުންނަކީ ދިވެހި މަސައްކަތްތެރިންގެ ގޮތުގައި ހެދުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތްތަށް ފަށާފައިވާ ކަމަށް އެފަރާތުން ބުންޏެވެ.

"ބައެއް ރިސޯޓުތަކަށް ގުޅާފަވެސް އަހާފަ ވާނީ ކީއްވެގެންތޯ އެގޮތަށް ބިދޭސީން އެ ނަގަނީ. ރޭޝިއޯ ކަޓައިފިނަމަ ލިޔުމުންވެސް ބައެއް ފަހަރު އަންގާފަ ވާނީ ދިވެހިން ވަޒީފާތަކަށް ވަގުތުން ހަޔާކުރަން." ނަން ހާމަކުރަން ބޭނުން ނުވާ ޓޫރިޒަމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދިވެހިންނަށް ލިބޭ އެއް ދާއިރާ ކަމުގައި ވެފައި އޮވެމެ، އެ މަގާމުތަކަށް ދިވެހިން "ރިޕްލޭސް" ކޮށް ބިދޭސީން ލުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ރިސޯޓުތަކުގެ މަތީ މަގާމުތަކަށް ބޮޑު މުސާރަ ދީގެން ބޭރު މީހުން ނެގުމަކީ ރާއްޖެއަށް ލިބޭ ނިކަމެތިކަމެއްކަން ދެކޭ ފަރާތްތައް މަދެއް ނޫނެވެ. ދުނިޔެއަށް ނަން މަޝްހޫރުވެފައި އޮންނަ "މޯލްޑިވިއަން ހޮސްޕިޓަލިޓީ" އެންމެ ފުރިހަމައަށް ގެނުވާނީ ދިވެހީންނެވެ. އެބުނާ ރާއްޖޭގެ ރަނގަޅު މެހެމާންދާރީ، އެންމެ ރަނގަޅަށް އަދާކުރެވޭނީ ދިވެހިންނަށެވެ. ބިދޭސީންނަކަށް ނޫނެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން އެ މަތީ މަގާމުތައް ފުރަމުން ދިއުމަކީ ކަން އޮންނަން ޖެހޭ ގޮތްކަމަށް ދެކޭ ގިނަ ބަޔަކު އެބަ ތިއްބެވެ. އަދި އެއީ ރާއްޖެއަށް އޭގެ ލާބައާއި މަންފާ އިންތިހާއަށް ކުރާނެ ކަމެކެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރާއި، ރާއްޖޭގެ އިގްތިސާދާވެސް ގުޅިފައިވާ ކަމެކެވެ. ގަވާއިދަށް ގެންނަ ބަދަލާއެކު ރިސޯޓުތައް ބިދޭސީން "ޓޭކް އޯވާ" ކުރާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުމަށް ދިވެހި މަސައްކަތްތެރިން ތިބީ ބަލަބަލައެވެ.

comment ކޮމެންޓް