ގެދޮރުވެރިކަމާ ގުޅޭ މުހިންމު ބައްދަލުވުމެއް މިރޭ ކާނިވަލުގައި

އޮގަސްޓް 25، 2021: މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރަން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހު ބައްދަލުވުން މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ތަރައްގީގެ ޕްލޭން ހެދުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ މި ބައްދަލުވުން އޮންނާނީ މިރޭ 20:15 ގައިކަމަށެވެ.

މިދިޔަ ތިން ހަފްތާގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ރައްޔިތުންނާއެކު ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ. އެގޮތުން މާލޭގައި ބައްދަލުވުންތައް ބާއްވާފައި ވަނީ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިންނެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ މާލޭގެ ލޭންޑްޔޫސް ޕްލޭން އާއި މާލޭގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިރޭ ބާއްވާ ސިލްސިލާ ފަހު ބައްދަލުވުން އަމާޒު ކުރަނީ ގެދޮރުވެރިކަމުގެ މަޝްރޫއަށެވެ.

"އެހެންވީމާ އަޅުގަނޑު ދައުވަތު ދެން މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވާ، ގެދޮރުގެ މައްސަލައިގައި ތިޔަބޭފުޅުންގެ ހިތްޕުޅުގައި ހުރި ހުރިހާ ކަންކަމާ މަޝްވަރާ ކުރެއްވުމަށް، ހިޔާލު ދެއްވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާއާއި ހިޔާލު، މާލެ ސިޓީ ކައުންސިލުން ގޮތެއްގައި އަޑުއަހާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިސާބަށް ރައްޔިތުންގެ ކަންކަން ގެންގޮސްދޭނެ ކަމަށެވެ.

އަދި ނަތީޖާ ނެރެވެންދެން އެ ކަންކަމުގައި ކައުންސިލުން މަސައްކަތް ކުރާނެކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. މިއީ މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވޭ ރަސްމީ އަދި ގާނޫނީ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް