އަލީ ވަހީދު ހައްޔަރުކުރި ކަމެއް ފުލުހުންނަކަށް އަދި ނޭނގެ!

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޓޫރިޒަމް މިނިސްޓްރީގެ މުވައްފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ވަހީދު ޔޫކޭއިން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން "ސަން"އަށް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައޫލޫމާތު ކަމާ ގުޅުހުންހުރި އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައި ނުވާކަމަށެވެ.

"އަލީ ވަހީދު ހައްޔަރުކުރި ކަމެއް އެއްވެސް ފަރާތަކުން އަންގާފައެއް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރީ ބޭސްފަރުވާއަށް ކަމަށް ބުނެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށްފަހު މިއަހަރު ދިޔަގޮތަށެވެ. އަލީ ވަހީދު ފުރީ އަނބުރާ ހަތަރުމަސް ދުވަހުގެ ތެރޭ ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ. ހަތަރުމަސް ފަހަނައަޅާ ދިޔައިރުވެސް އޭނާ ރާއްޖެއައިސްފައެއްނުވެއެވެ.

އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން ވަނީ އިއްވާފައެވެ.

comment ކޮމެންޓް