ބޮމުގެ ހަމަލާގެ ބައިވެރިންގެ މައުލޫމާތު ހޯދަން ނަޝީދުގެ ވަކީލުން އެދިއްޖެ

އޭޕްރީލް 11، 2021: ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައުލޫމާތު ހޯދުމަށް ނަޝީދުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެދިވަޑައިގެންފިއެވެ.

އިއްޔެ ޕީޖީއަށް ސިޓީއެއްް ފޮނުއްވަމުން ނަޝީދުގެ ގާނޫނީ ވަކީލު ވިދާޅުވީ އެ ހަތަރު މީހުންގެ މައުލޫމާތު ހޯދުމަށް އެދިފައިވަނީ މި މައްސަލައިގައި އުޅުއްވާ ބިދޭސީ ވަކީލާއެކު މި މައުލޫމާތު ހިއްސާކުރެއްވުމަށް ކަމަށެވެ. އަދި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ގޮތުން ކޮންމެ މީހަކުވެސް ކޮށްފައިވާ އަމަލު ދެނެގަތުމަށްކަމަށެވެ.

ނަމަވެސް މިއަދު އެމަނިކުފާނުގެ ވަކީލް ނާޒިމް "ސަން" އަށް ވިދާޅުވީ އަދިވެސް އެ މައުލޫމާތު ހިއްސާކުރައްވާފައިވާ ނުވާކަމަށެވެ. އަދި ސިޓީއަަށް ޖަވާބެއް ލިބިފައިވެސް ނުވާކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު މި މައްސަލައިގައި ކުރިޔަށް ވަޑައިގަތުމަށް ނަޝީދު ވަނީ އިނގިރޭސި ވަކީލަކުވެސް ހަމަޖައްސަވާފައެވެ.

https://sun.mv/155667

އެމަނިކުފާނު އަވަހާރަކޮށްލުމަށް މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ހަމަލާގެ ބައިވެރިންގެ ތެރެއިން ދައުވާ އުފުލާފައިވާ ހަތަރު މީހެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ.

https://sun.mv/155802

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

comment ކޮމެންޓް